އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
މި މަޤާމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ހާމަކުރުމުގެ ކަންކަން ބަލަހައްޓާ މުހިންމު މަޤާމެކެވެ.
ރިއެކްޝަންސް





