
ނޮޅިވަރަންފަރަށް ގިނަ މަޝްރޫޢުތަކެއް!
100 ހައުސިންގ ޔުނިޓް ނިންމާ ކައުންސިލާ ވަނީ ހަވާލުކޮށްފަ
ހދ.ނޮޅިވަރަންފަރުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެރަށު ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ރަށު ކައުންސިލާ ހަވާލުކުރުމެވެ. 100 ހައުސިންގ ޔުނިޓް ނިންމާ ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. އެރަށުގައި ގެވަޅު ލިބި, ގެ އިމާރާތް ނުކުރެވިވާ ފަރާތްތަކަށް ގެ އަޅައި ދިނުމުގެ މަޝްރޫއެއް ފަށަންވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޯތި ތަކުގައި އަޅައިދެނީ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. އަދި އިތުރު ހައުސިންގ ޔުނިޓް އަޅާނެކަންވެސް ވަނީ އިއުލާނުކޮށްފައެވެ.
މީގެއިތުރުން ގިނަ މަޝްރޫއުތަކެއް ފަށަން އެއްބަސްވުމުގައި ސޮއިކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ހެލްތު ސެންޓަރ އެކްސްޓެންޝަން މަޝްރޫޢުގެ އެއްބަސްވުމާއި، ނޮޅިވަރަންފަރު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ނޮޅިވަރަންފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ. ހެލްތް ސެންޓަރު މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
ކުޅިވަރުގެ ދާއިރާއިން ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މިމަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑާއެވެ.
މީގެ އިތުރުން، ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ދަފުތަރުން އުނިކޮށް، ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.
ރިއެކްޝަންސް






