ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް މީގެ ކުރިން އޭޕްރީލް މަހުވެސް ހުޅުވާލިއެވެ. ނަމަވެސް، އަލުން ފުރުސަތު ހުޅުވާލަން ޖެހުނީ މިދިޔަ މެއި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޕެންޝަނާ ބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙާ ގުޅިގެންނެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އަލަށް އައްޔަންކުރާ ސީއީއޯގެ އެންމެ މުހިންމު މަސްއޫލިޔަތަކީ ޤާނޫނަށް ގެނައި އާ އިސްލާޙުތައް ތަންފީޒުކުރުމެވެ. މި މަޤާމަށް މީހަކު އައްޔަންކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި:
އަސާސީ ޕެންޝަން: އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަސާސީ ޕެންޝަން ނުލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އިންތިޚާބީ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައި ހުރި މީހަކަށްވެސް މި ޕެންޝަން ނުލިބޭނެއެވެ.
ގެދޮރު އިމާރާތްކުރުން: ގެދޮރު ގަތުމަށް ނުވަތަ މަރާމާތު ކުރުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް (ރަހުނު) ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ބޮޑެތި ބަލިތަކަށް ފައިސާ ދޫކުރުން: 'ޓަރމިނަލް އިލްނަސް' ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް، އެމީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރެވޭނެއެވެ.
ޙައްޖުގެ އަޅުކަން: ޙައްޖަށް ދިއުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މި ބަދަލުތަކާއެކު ޕެންޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ޕެންޝަން ފަންޑުގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ލިބިގެންދާނެ ކަމަށް އެ އޮފީހުން އުންމީދު ކުރެއެވެ. އެގޮތުން، އަސާސީ ޕެންޝަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އުސޫލުތައް މާލީ ވުޒާރާގެ މަޝްވަރާއާއެކު އެކުލަވާލުމުގެ ޒިންމާވެސް މިހާރު ވަނީ ޕެންޝަން އޮފީހުގެ ބޯޑަށް ހަވާލުކުރެވިފައެވެ.
ރިއެކްޝަންސް





