ސަމްޕާ ސަރަޙައްދު ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި
ދެކުނު އަރިއަތޮޅު މެރިން ޕްރޮޓެކްޓެޑް އޭރިއާ ނުވަތަ "ސަމްޕާ" ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްގެންދަން ފަށާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ ފުލުހުން މެދުވެރިކޮށް މި ސަރަޙައްދު ބަލަހައްޓަން ފެށި ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ހިމެނޭ "ސަމްޕާ" އަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ. ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ މި ސަރަޙައްދަކީ ބޮޑު ސަރަޙައްދަކަށް ވެފައި، ވަދެ ނިކުމެވޭނެ ގިނަ މަގުތަކެއް ހުރުމުން، އާދައިގެ ގޮތްތަކަށް މިތަން ބެލެހެއްޓުމަކީ އިދާރީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، މިހާރު މި ސަރަޙައްދު ބެލެހެއްޓުމުގައި ރޭންޖަރުންނާއެކު ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅިގެން އެ ވުޒާރާއިން ވަނީ މި ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ސަރަޙައްދަށް ވަންނަ އުޅަނދުތަކަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށްވުމާއި، ރަޖިސްޓްރީކޮށްފައިވާ ގައިޑެއްގެ އެހީތެރިކަން ހޯދުމުގެ އިތުރުން، ސަރަޙައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމަށާއި 'ލައިވް ލޮކޭޝަން' ހިއްސާކުރުމަށް ވަނީ އަންގާފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އުޅަނދުތަކުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ހަރުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރުމަށް "ޓެކް-ފޯ-ނޭޗަރ"ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް ވެސް ވަނީ އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެހުރިހީގެ އާބާދީ ހިމާޔަތްކުރުމަށާއި، ރޭންޖަރުންނަށް ޑިޖިޓަލްކޮށް ސަރަޙައްދު ބަލައި ރިޕޯޓްކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އައި.ޔޫ.ސީ.އެންގެ "ގްރީން ލިސްޓް" އަށް މި ސަރަޙައްދު ހޮވުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމެވެ. މީގެ އިތުރުން، މޫދުގައި ހަރަކާތްތެރިވާއިރު ކަނޑައެޅިފައިވާ އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ރައްކާތެރިކަން އިސްކުރުމަށް ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
ރިއެކްޝަންސް





