މާފުށީގައި ފުލުހުންނަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި 6 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

މާފުށީގައި ފުލުހުންނަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި 6 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

1 hour ago - 20:36
Advertisement
Advertisement

ކ. މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު 6 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.


ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.


މި ހާދިސާ ހިނގާފައިވަނީ މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށެވެ. އެ ވަގުތު ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖުމްލަ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސީނުން އޮގަސްޓު 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ހެވަން، މުހައްމަދު ޝާބިން ޝުޖާއު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާ ދޫކޮށްލި އަމުރު ފުލުހުންގެ ފަރާތުން މިހާރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.


މީގެ އިތުރުން، މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި އަނެއް 5 މީހުންނަކީ:

އަބްދުﷲ ނިހާދު (30އ) - ސްޓާރލައިން / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 14، ބަންދުގެ މުއްދަތު: އޮކްޓޫބަރު 4 ގެ ނިޔަލަށް)
އިބްރާހީމް ސުނީޒް (41އ) - ގްރީންޕާރކް / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 15، ބަންދުގެ މުއްދަތު: ސެޕްޓެމްބަރު 23 ގެ ނިޔަލަށް)
އަހްމަދު އަހުނަފް އަސްފާގު (24އ) - ވާރޭވިލާ / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 19، ބަންދުގެ މުއްދަތު: އޮކްޓޫބަރު 11 ގެ ނިޔަލަށް)
މުހައްމަދު ޝައިހާން (21އ) - ގްރީންޕާރކް / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 28، ބަންދުގެ މުއްދަތު: ސެޕްޓެމްބަރު 27 ގެ ނިޔަލަށް)
ހަސަން ނަބީލު (32އ) - ފާއިޒާމަންޒިލް / ކ. މާފުށި (ހައްޔަރުކުރީ: އޮގަސްޓު 29)

މި މީހުންގެ ތެރެއިން ހަސަން ނަބީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.


ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޕީޖީ އޮފީހުން މިހާރު ދަނީ ދައުވާކުރުމުގެ މަރުހަލާ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement