ލަލީގާ: ކެރިއަރުގައި ރަފީނިއާގެ ފުރަތަމަ ހެޓްރިކާއެކު 0-7 ން ބާސެލޯނާ އިން ވަޔަޑޮލިޑް ބަލިކޮށްފި
ބާސާ އޮތީ ލަލީގާ ތާވަލްގެ އެއްވަނައިގައި
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ބާސެލޯނާއިން ރިއަލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗް 0-7 ން ކާމިޔާބުކޮށްފިއެވެ. މެޗްގައި ހެޓްރިކް ކާމިޔާބުކޮށްދިން ރަފީނިއާ މެޗަށްފަހު ބުނީ މީގެން އެނގެނީ ބާސާއަށް މިސީޒަންގައި ދެން އިތުރު އާ ކުޅުންތެރިއެއް ގެންނަން ބޭނުންނުވާނެކަމެވެ.
ބާސެލޯނާއިން ވަނީ މިސީޒަނަށް ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރގެ ސޮއި ހޯދާފައެވެ. ރަފީނިއާގެ މަޤާމަށް ކުޅޭ އެތްލެޓިކް ކްލަބްގެ ވިންގާ ނިކޯ ވިލިއަމްސްގެ ގެންނަން ކުރި މަސައްކަތް ހުކުރުދުވަހު ހޫނު މޫސުމުގެ ޓްރާންސްފަރ ގެ ދޮރު ބަންދުވީއިރުވެސް ބާސާއަށް ކާމިޔާބެއް ނުކުރެވުނެވެ.
"މިއަދުގެ މެޗުން އަހަރެމެން ދައްކުވައިދީފިން ބާސާއަށް ދެން އިތުރު ކުޅުންތެރިން ގެނައުމުގެ ބޭނުމެއް ނެތްކަން. އަހަރެމެން މިތިބީ ރަނގަޅު ފޯމެއްގައި. ޓްރެއިނިންގ ތަކުގަ އާއި މެޗުގައިވެސް ޓީމުން އަހަރެމެންގެ ހުރިހާ އެއްޗެއް އެބަދެން. މިއަދުގެ ނަތީޖާއިން އެބަހާމަވޭ ޓީމެއްގެ ގޮތުގައި އަހަރެމެން މިކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން" ބްރެޒިލްގެ ފޯވާޑް ރަފީނިއާ ބުންޏެވެ. ބާސެލޯނާގެ އާ ކޯޗް ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފައެވެ.
ބާސެލޯނާގެ ފުރަތަމަ ގޯލް 20 ވަނަ މިނިޓްގައި ޕައު ކަބާސީ ދުރުން ނަގައިދިން ރީތިޕާހެއް ކޮންޓްރޯލްކޮށްލާ ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ. ހާފް ޓައިމަށް މެޗު ހުއްޓާލުމުގެ ކުރިން 24 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޮސްކީ, އަދި އިތުރުވަގުތުގެ ދެވަނަ މިނިޓްގައި ކޫންޑޭ ކާމިޔާބުކޮށްދިން ގޯލާއެކު ފުރަތަމަ ހާފް ބާސާއިން ނިންމާލީ 0-3 ން ނެވެ.
ދެވަނަ ހާފް ފެށިގެން 19 ވަނަ މިނިޓްގައި ބާސާގެ ހަތަރުވަނަ ގޯލް ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބު ކޮށްދިނީވެސް ރަފީނިއާއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން 72 ވަނަ މިނިޓްގައި ރަފީނިއާ ހެޓްރިކް ހެދީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
މި މެޗްގައި ބާސެލޯނާއާ އަލަށްގުޅުނު ޑެނީ އޮލްމޯވެސް ވަނި ފެރަން ޓްރޭސް ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗްގެ ހަވަނަ ގޯލް 82 ވަނަ މިނިޓްގައި ބާސެލާނާއަށް ކާމިޔާބު ކޮށްދީފައެވެ. އަދި އޭގެ ދެ މިނިޓް ފަހުން ހަތް ވަނަ ގޯލް ރަފީނިއާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޓޮރޭސްއެވެ.
"މިއީ އަހަރެންގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް. އަހަރެން ވަރަށް އުފާވެފަ މިހުރީ ޓިމަށް މި ހޯދައިދެވުނު ކާމިޔާބީއަށް, އަދި އެކަމުގައި ޓިމުގެ ފަރާތުން ލިބުނު އެހީތެރިކަމަށްވެސް" ރަފީނިއާ ބުންޏެވެ.
މެޗަށްފަހު ބާސާގެ ކޯޗް ފްލިކްވެސް ވަނީ ރަފީނިއާގެ ކުޅުމަށް ތައުރީފްކޮށްފައެވެ. އަދި އޭނާގެ ގައިގައި އިތުރު ހެޓްރިކްތައް ހަދާނެ ކޮލިޓީ އެބަހުރިކަމަށާއި, އެހެންކަމުން މިއީ އޭނާ ގިނަ ހެޓްރިކްތަކެއް ހެދުމުގެ ފެށުންކަމަށް އުއްމީދުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.
ރިއެކްޝަންސް