މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރު ފަށަނީ
ދިގު މުއްދަތަކަށް ފަހު، މާލޭގެ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ޚާއްޞަކުރެވުނު މި އެޕިސޯޑުގައި، އެމަނިކުފާނު ވަނީ މަގުތަކުގެ ހާލަތާ ގުޅިގެން އާންމުން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި، "ވަން އޮންލައިން" ނޫހުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބޮޑު މަޝްރޫޢެއް އެންމެ ފަހުން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށެވެ. އަދި އޭގެ ފަހުން މަގުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ފެން ހިންދުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކުގައި ޤާއިމުކުރެވޭނެއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ޒަމާނީކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި ސަރަޙައްދުގައި 500 ސައިކަލުގެ ޕާކިންގ ޖާގަ ހިމެނޭއިރު، މީގެ ސަބަބުން އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފިޔަވަހި ނިމުމާއެކު، އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބައިގެ މަރާމާތު ފަށާނެއެވެ. މިއީ މަގުގެ ގާތައް އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަޙައްދެވެ. އަދި މަގު ފުޅާކުރުމަށް ފަޅުން ބައެއް ހިއްކި ނަމަވެސް، ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ތަރައްޤީކުރާތީ އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މާލޭގެ ތޮއްޖެހުމަށް ދާއިމީ ޙައްލެއް ލިބޭނީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒުކޮށްގެން ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅޭ މާލެ ސަރަޙައްދަށް މިވަގުތުން މިވަގުތަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް





