ހުޅުމާލެ ފޭސް 2 އިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، ޠާހިރު މުޙައްމަދު (50އ) އެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 12:32 ހާއިރުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ 13 ވަނަ ހިޔާ ޓަވަރު ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅެނިކޮށް، އެ ސަރަހައްދުންނެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ އެކުގައެވެ.
މި މައްސަލައާ ގުޅިގެން ޠާހިރު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
ރިއެކްޝަންސް





