ކުދިކުދި އިސްލާހުތަކާއެކު ބޭރުފައިސާއާބެހޭ ބިލް މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި
ކުދިކުދި އިސްލާހުތަކާއެކު ބޭރުފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލިހުގެ މަޖިލިހުގެ ކޮމިޓީން ފާސްކޮށްފިއެވެ. އެމްއެމްއޭއިން ހުށަހެޅި އެބިލް ދިރާސާކުރީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީންނެވެ.
މިބިލަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނަށް ލިބޭ ބޭރުފައިސާގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްވާ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ. ބޭރުފައިސާ ނުލިބުމުގެ މައްސަލަ ހައްލުކުރަން ގެންނަ ބަދަލެއްގެ ގޮތުން ހުށަހެޅި ބިލްގެ މައިގަނޑު ބައިތަކަށް ކޮމިޓީން ބަދަލެއް ނުގެނެއެވެ. ނަމަވެސް ޓޫރިޒަމް ދާއިރާގެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް, ކުރި މަޝްވަރާތަކާއެކު ކުދިކުދި ބަދަލުތަކެއް ގެނައެވެ.
ބިލްގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކެޓަގަރީ އޭގައި ހިމެނޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރު ކުރުން ނުވަތަ އެމަހެއްގެ ޖުމްލަ އާމްދަނީގެ %20 މާރުކުރަން ޖެހުމެވެ. އޭ ކެޓަގަރީގައި ހިމެނެނީ ރިސޯރޓްތަކެވެ.
ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް %25 ނުވަތަ އެމަހެއްގައި ލިބޭ ބޭރުފައިސާގެ ޖުމްލަ އާމްދަނީގެ %20 މާރުކުރަން ޖެހެއެވެ. ގެސްޓްހައުސްތަކާއި, ޓޫރިސްޓް ހޮޓާތައް ހިމެނެނީ މިކެޓަގަރީގައެވެ.
މީގެއިތުރުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކުންވެސް ބޭންކަށް ޑޮލަރު މާރުކުރުން މިބިލް ފާސްވެއްޖެ ނަމަ ލާޒިމް ވާނެއެވެ. މިހާރު ދައުރު ދިގު ދަންމާލާފައިވާ ހިނގަމުންދާ ދައުރު ނިމުމުގެ ކުރިން އެބިލް ފާސްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުހިއްމު މަސައްކަތްތަކެއް ހުރުމުން ހިނގަމުންދާ ދައުރު ދިގު ދަންމާލީ މިމަހުގެ 15 ގެ ނިޔަލަށެވެ. މިއީ ނޮވެމްބަރުގެ ނިޔަލަށް ނިމެން އޮތް ދައުރެވެ.
ރިއެކްޝަންސް