ސަރުކާރުން ރައްޔިތުންނަށް ޔަގީންކަން ދީފި
ބޭންކުން އަމަލުކުރީ ސަރުކާރުގެ މަޝްވަރާއާ ހިލާފަށް
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމި ނިންމުމަކާ ގުޅިގެން ރައްޔިތުން ނުރުހި ކަންބޮޑުވެފައި ވަނިކޮށް, އެނިންމުން އަނބުރާ ގެންދިއުމަށްފަހު ސަރުކާރުން ރައްޔިތުންނަށް ޔަގީންކަން ދީފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހެނދުނު އިއުލާނުކުރީ މިއަދުން ފެށިގެން ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މިއަދު ހަވީރު ބޭންކުން އެނިންމުން އަނބުރާ ގެންދިޔައެވެ. ނިންމުން އަނބުރާ ގެންދިޔައީ ބޭންކްގެ ރެގިއުލޭޓަރ, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައިގެން ކަމަށް ބެންކުން ބުންޏެވެ. އޭގެފަހުން ސަރުކާރުގެ ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރަެއްވާ ވަނީ ރައްޔިތުންނަށް ދަތިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ބޭންކްގެ އެނިންމެވުމަކީވެސް ސަރުކާރުގެ މަޝްވަރާއާ ލަފައާ ހިލާފަށާ ނިންމެވި ނިންމެވުމެއް ކަމަށެވެ. ސައީދު ވިދާޅުވީ ބެންކުން ނިންމީ ސަރުކާރު ބޭނުންވާގޮތަށް ނޫން ކަމަށެވެ. ތަފްސީލަށް ދަމުން ވަޒީެރު ވިދާޅުވީ ރާއްޖެއިން ބޭރަށް ކިޔަވަންގޮސްހުރި ކުއްޖެއްގެ އެކައުންޓަށް ޑޮލަރު ނުދާނެފަދަ ނިންމުމެއް ރައީސް ބޭނުންފުޅު ނުވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ނިންމުން އަނބުރާ ގެންދެވީވެސް ސީދާ ރައީސް އެދިވަޑައިގެން ކަމަށެވެ. ބޭންކާވެސް, ފިނޭންސް މިނިސްޓަރާވެސް އަދި މިނިސްޓަރ ސައީދާވެސް ރައީސް ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގު ވިދާޅުވީ ރައްޔިތުންނަށް ބުރަ އުފުލަން ނުޖައްސާ ހައްލު ހޯއްދަވާނެ ކަމަށެވެ. އެގޮތުން ޑޮލަރު ރިޒާވް އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ދުރާލާ އެންގުމަކާ ނުލައި ބޭންކުން އެކަން ކުރީ ކުރަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ބޭރުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.މީގެއިތުރުން ދަރަނިތައް ދެއްކުން ފަސްކޮށް ލުއިގޮތްތައް ހެދުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް