ޢާއްމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއިން ޓެކްސީތަކެއް ޓޯކޮށްފި
ޢާއްމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއިން ޓެކްސީތަކެއް ޓޯކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ 30 ޓެކްސީ ޓޯކޮށް, ބައެއް ޓެކްސީ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މުޒާހަރާގައި އިސްކޮށް އުޅުނު ތިން ޑްރައިވަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ކަށަވަރުކުރެވިފައި ވެއެވެ. އެމީހުން ހައްޔަރުކުރި ކަމެއް ނުވަތަ ދޫކޮށްލި ކަމެއް ސާފެއް ނޫނެވެ.
ޓޯކުރި ޓެކްސީތަކުގެ ވެރިފަރާތަށް އެކަން އެނގުމަށް ފުލުހުން ދިން ދައުރުވަމުންދާ ލިޔުމުގައި ބުނަނީ 30 ދުވަހަށް އުޅަނދު ހިފެހެއްޓިފައިވާ ކަމަށެވެ.
އިއްޔެ ހަވީރުން ފެށިގެން ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް ނިކުތީ ހުޅުމާލެއިންނެވެ. އިހުތިޖާޖު ފެށީ ދުރާލާ އިއުލާނުކުރުމަށްފަހުއެވެ. ސަބަބެއް ކަމަށް ބުނީ ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފްކުރާތީ އެކަމާ ދެކޮޅު ހެދުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރަން ހަމަޖެހި, އެކަން އެންގުމެއް ނެތި ކުއްލިއަކަށް އެބައްދަލުވުން ކެންސަލް ކުރުމުން ސިދާ ހަރަކާތަށް ނިކުތީ ކަމަށް ޓެކްސީ ޑްރައިވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
ފުލުހުން ނިކުމެ ޓެކްސީ ޑްރައިވަރުން ހުއްޓުވާ, އުޅަނދުތައް ޓޯކުރަން ފެށީ ހުޅުމާލެއިން ބުރިޖަށް އަރާ މަގު ބަންދުކޮށް, ޢާއްމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް އަމަލުކުރަން ފެށުމުންނެވެ.
ރިއެކްޝަންސް