އިޒްރާއިލްގެ ހަމަލާ ތަކުގައި ކުޑަކުދިންވެސް ހިމެނޭހެން 33 މީހުން ޝަހީދުކޮށްލައިފި
ދިއެރް އެލް-ބަލްޙް, ޣައްޒާ – މެދުތެރޭ ޣައްޒާގައި ހިމާޔަތް ހޯދައިގެން ޣައްޒާގެ އާއިލާތަކެއް ތިބި ގެއަކަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައި ފަލަޞްޠީނުގެ 33 މީހަކު ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
އިޒްރާއިލް އާއި ހަމާސްގެ ދެމެދު ހިނގަމުންދާ ހަނގުރާމައިގައިގައި ޣައްޒާގެ ބައިލައްކައެއްހާ މީހުން މަރާލާފައިވާއިރު, ހަނގުރާމަ ހުއްޓާލާނެ ކަމުގެ ވާހަކަތައް މުޅިންހެން ވަނީ ހުއްޓިފައެވެ. ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް, ހިޒްބުالله އާ އިޒްރާއިލްއާ ދެމެދު ހަމަލާތައް ހުއްޓާލުގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާކަމަށް ޢިއުލާން ކޮށްފައިވީނަމަވެސް މާނަވީ ގޮތެއްގައި ހަމަލާތައް ހުއްޓިފައެއް ނުވެއެވެ. އިޒްރާއިލްއިން ދަނީ ދެކުނުލުބުނާނުގެ ސަރަޙައްދުތަކުގައި ދިރިއުޅުނު އާންމުން އެނބުރި އެމީހުންގެ ގެދޮރަށް އައުމަށް މިސްރާބު ޖެހުމާއެކު އެކަން ހުއްޓުވުމަށް ވައިޓް ފޮސްފަރަސްގެ ހަމަލާތައްވެސް ދީފައެވެ.
އަނެއްކޮޅުން ހަނގުރާމަވެރިން ސީރިއާގެ ސަރުކާރު ވައްޓާލާ މެދުއިރުމަތީގެ މަޞްރަޙް ހަލަބޮލިބެފައިވާ މި ދަނޑިވަޅުގައި އިޒްރާއިލްއިން ދަނީ ސީރިއާ އަށް ހަމަތައް ދެމުންނެވެ. އަދި ގޯލަން ހައިޓްސްގެ ސީރިއާގެ ބާރުގެ ދަށުގައިވާ ބަފަރ ޒޯންއަށްވެސް އިޒްރާއިލްގެ ސިފައިން ވަނީ ނަތަންޔާހޫގެ އަމުރަށް ވަދެގެންފައެވެ.
އުތުރު ޣައްޒާގެ ޓައުންއެއް ކަމަށްވާ ބެއިޓް ލަހިޔާގެ ގެއަކަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފައިވާއިރު އެހަމަލާތަކުގައި 19 މީހަކު ވަނީ ޝަހީދުވެފައެވެ. ކަމާލް އަދުވާނު ހޮސްޕިޓަލާ ހަވާލާދީ އެސޯސިއޭޓް ޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެނައި ހަށިތަކުގެ ތެރޭގައި އެއް އާއިލާގެ 8 މީހެއްގެ ހަށިގަނޑު ހިމެނެއެވެ. އެއީ ހަތަރު ކުދިންނާއި, އެކުދިންގެ މައިންބަފައިން އަދި ކާފަ އާއި މާމައެވެ.
އިޒްރާއިލްއިން އާދައިގެ މަތިން ބުނެފައިވަނީ ހަމަލާ އަމާޒުކުރީ ހަނގުރާމެރިންނަށް ކަމުގައެވެ. އަދި އާންމުނަށް އަނިޔާ ނުވާގޮތަށް ހަމަލާތައް ދިންނަމަވެސް ހަނގުރާމަވެރިން އާންމުންގެ ތެރޭގައި ފިލާތިބުމުގެ ސަބަނުން އާންމުން ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމުގައިވެސް އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެއެވެ.
ރިއެކްޝަންސް