ކެލާގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސްފި
ހއ. ކެލާގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ، ކެލާގެ އިންޖީނުގެއަށް ގެންދެވުނު މި އައު ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ޚިދުމަތަށް ބޭނުންކުރަން ފެށުމާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރައްވައެވެ.
ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ ދަށުން ޚިދުމަތް ދެމުންގެންދާ ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު ދެނެގަނެ، ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ކަރަންޓު ވިއުގަ ތަރައްޤީކޮށް، އައު ޖަނަރޭޓަރު ސެޓުތައް ފޯރުކޮށްދީގެން ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ މެދުކެނޑުމެއްނެތި ކުރެވެމުންނެވެ.
ރިއެކްޝަންސް





