އަންނަ އަހަރުގެ ބަޖެޓު ރިޕޯޓަށް 23 އިސްލާހެއް، ފާސްކުރަން ވަކިވަކިން ވޯޓަށް އަހަނީ
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން 23 އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ ގުޅިގެން ދިރާސާކުރި 59.7 ބިލިއަން ރުފިޔާގެ މި ބަޖެޓު ކޮމިޓީން ނިންމާފައިވަނީ ސަރުކާރުން ފޮނުވި އަސްލަށް އެއްވެސް ބަދަލެއް ނުގެނެހެވެ. ކޮމިޓީ ރިޕޯޓު މިއަދުގެ ޖަލްސާއަށް އިއްވައި ބަހުސް ފަށާފައިވާއިރު، ބަހުސްގައި ވާހަކަދެއްކެވުމަށް ކޮންމެ މެންބަރަކަށް ދެއްވަނީ ހަތް މިނެޓުގެ ފުރުސަތެކެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރިޕޯޓަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ އަދަދު 23 އަށް އަރާ ކަމަށެވެ. އެ އިސްލާހުތަކުގެ އެއްވެސް ތަފުސީލެއް ރިޔާސަތުން ހާމަނުކުރެއްވި ނަމަވެސް، ބަޖެޓު އެއްކޮށް ފާސްކުރުމުގެ ކުރިން އެ ހުރިހާ އިސްލާހަކަށް ވެސް ވަކިވަކިން މެންބަރުންގެ މެދުގައި ވޯޓަށް އަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރު ހަސަން ޒަރީރު މީގެކުރިން ފާހަގަކުރައްވާފައިވަނީ، 2027 ވަނަ އަހަރުގެ ބަޖެޓު އެކުލަވައިލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ 70 އިންސައްތަ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލުމަށް އަމާޒު ހިފައިގެން ކަމަށެވެ. ހިނގަމުންދާ އަހަރުގެ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ވުރެ 7 އިންސައްތަ ކުޑަ ބަޖެޓެކެވެ.
އާމްދަނީ އާއި ހަރަދުގެ އަންދާޒާތައް
ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، ދައުލަތަށް ލިބޭނެ ޖުމްލަ އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 43.1 ބިލިއަން ރުފިޔާއެވެ. މީގެ ބޮޑުބައި ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 349.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ހަރަދު އިތުރުވުމެވެ. އެގޮތުން ހިނގަމުންދާ އަހަރު ކެޕިޓަލް ހަރަދަށް 6.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 9.8 ބިލިއަން ރުފިޔާއަށް އުފުލޭނެއެވެ. ރިކަރަންޓް ހަރަދު މި އަހަރުގެ 42.5 ބިލިއަނުން އަންނަ އަހަރު 42.7 ބިލިއަނަށް ކުޑަކޮށް މަތިވާއިރު، އެހެނިހެން ހަރަދުތަކުގެ ބައި 14.8 ބިލިއަނުން 7.1 ބިލިއަން ރުފިޔާއަށް ދަށްކުރަން ވަނީ ރާވާފައެވެ.
ޑެފިސިޓާއި ދަރަނި މެނޭޖުކުރުން
ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. މިއީ ހިނގަމުންދާ އަހަރުގެ 7.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މި ޑެފިސިޓް ހަމަޖެއްސުމަށް ފައިސާ ހޯދުމުގައި ސަރުކާރުން މިފަހަރު ބޮޑު އިސްކަމެއް ދީފައިވަނީ އެތެރޭގެ ދަރަނި ކުޑަކުރުމަށެވެ. އެގޮތުން މި އަހަރު އެތެރޭގެ މާލީ ބާޒާރުން 19.2 ބިލިއަން ރުފިޔާ ނަގާއިރު، އަންނަ އަހަރު އެ އަދަދު 11.9 ބިލިއަން ރުފިޔާއަށް ދަށްކުރަން ވަނީ ކަނޑައަޅާފައެވެ. އަދި ބޭރުގެ ފަރާތްތަކުން ހޯދާ މާލީ އެހީތެރިކަން މި އަހަރުގެ 5.3 ބިލިއަނުން، އަންނަ އަހަރު 6.9 ބިލިއަން ރުފިޔާއަށް މަތިކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ރިއެކްޝަންސް