ތުރުކީ ސަފީރަކަށް ޢަބްދުއްރަހީމް، ޕާކިސްތާނު ސަފީރަކަށް ތޯހާ  އަށް ރުހުންދީފި
ތޯހާ: ސައުދީ ސަފީރަކަށް އައްޔަން ކުރަން މަޖިލިހުން ރުހުން ހޯދުމަށް ފަހު އަލުން ޕާކިސްތާނަށް ފޮނުވުމަށް މިއަދު ވަނީ ރުހުން ލިބިފައި
ތުރުކީ ސަފީރަކަށް ޢަބްދުއްރަހީމް، ޕާކިސްތާނު ސަފީރަކަށް ތޯހާ  އަށް ރުހުންދީފި

ތުރުކީ ސަފީރަކަށް ޢަބްދުއްރަހީމް، ޕާކިސްތާނު ސަފީރަކަށް ތޯހާ އަށް ރުހުންދީފި

2 months ago - 21:04
Jun 30, 2024 - 21:08

ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރެއްގެ ގޮތުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުލްލަތީފް އަދި ޕާކިސްތާނު ސަފީރަކަށް ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ގެ މަގާމުގައި ހުންނެވި މުހައްމަދު ތޯހާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

 ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި މަޖިލިހުގެ ރުހުން ހޯދުމަށް، މި ދެ ބޭފުޅުންގެ ނަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު   މަޖިލީހަށް ފޮނުއްވީ މިދިޔަ  މެއި މަހުގެ 11 ގަ އެވެ. އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާރިޖީ ކޮމިޓީން ވެސް ނިންމާފައި ވަނީ، އެ މަގާމަށް އެދެބޭފުޅުން އައްޔަން ކުރުމަށް ފެންނަ ކަމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށް ފަހު، ވޯޓް ގަޑީގައި ދެ ބޭފުޅުންނަށް ވަކިން ވޯޓަށް އެހި އެވެ.  ދެ ބޭފުޅުންނަށް ވެސް 82 ވޯޓުން ރުހުން ދޭން ފާސްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

 ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވުމަށް ނިންމެވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ ޑިސެމްބަރު މަހު އެ ގައުމަށް ވަޑައިގެންނެވެ. އަދި މިދިޔަ ފެބްރުއަރީ މަހު، އެ އެމްބަސީ ގާއިމްކޮށްފައިވާކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ތުރުކީގެ ސަފީރުކަމަށް ރުހުން ދިން އަބްދުއްރަހީމް ސިފައިންގެ ޚިދުމަތުން 39 އަހަރަށް ފަހު، ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ. އޭގެ ފަހުން ރައީސް އޭނާ އައްޔަންކޮށްފައި ވަނީ ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށެވެ. ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ، ސިފައިންގެ ގާނޫނުގައި ބުނާ ގޮތުން އުމުރުން 60 އަހަރު ފުރުމުންނެވެ. ޢަބްދުއްރަޙީމު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބުރުއަރީ 1985ގަ އެވެ. މިދިޔަ ސަރުކާރުގައި އޭނާ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގަ އެވެ.

ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސަފީރަކަށް މިއަދު ރުހުން ދިން ތޯޙާ މުޙައްމަދަކީ މިދިޔަ މަހު ރާއްޖެއިން ސަޢުދީ އަރަބިޔާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ރުހުންދީފައިވާ ބޭފުޅެކެވެ. ނަމަވެސް އެބޭފުޅާއަށް ފަތްކޮޅު ނާރުއްވާ، އަލުން ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާ މަޖިލިހަށް ނަން ފޮނުއްވީ އެވެ.

ތޯޙާ އާއެކު މިދިޔަ މަހު މަޖިލިހުން ރުހުން ދިން އެހެން ބޭފުޅުންނަށް ރައީސް މުޢިއްޒު ވަނީ ފަތްކޮޅު އަރުވާފަ އެވެ. މިހާރު އެބޭފުޅުން ވަނީ އެގައުމުތަކަށް ވަޑައިގެން މަގާމުގެ މަސްއޫލިއްޔަތާ ވެސް ހަވާލުވެ ވަޑައިގެންފަ އެވެ. 

ތުރުކީ އެމްބަސީ ހުޅުވުމުގެ ކުރިން ރާއްޖޭން ބޭރުގައި ގާއިމުކޮށްފައި ވަނީ 14 އެމްބަސީއާ ދެ ކޮންސިއުލޭޓެވެ. މީގެ އިތުރުން ނިއުޔޯކުގައި ހުންނަ އދ.ގެ ރާއްޖޭ މިޝަން އާއި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަން އާއި ބްރަސަލްސްގައި ހުންނަ ރާއްޖޭގެ ޔޫރަޕިއަން ޔޫނިއަންގެ މިޝަން އެވެ.

ރާއްޖޭގެ އެމަބަސީތައް ގާއިމުކޮށްފައިވާ ގަޢުމުތަކަކީ،

1- އިންޑިޔާ، 2- ސްރީލަންކާ، 3- ޕާކިސްތާނު، 4- ބަންގްލަދޭޝް، 5- ސިންގަޕޯރ، 6- މެލޭޝިއާ، 7- ޖަޕާން، 8- ތައިލޭންޑް، 9- ޗައިނާ، 10، ޔޫއޭއީ، 11- ސައުދީ އަރަބިޔާ، 12- އިނގިރޭސިވިލާތް، 13- ޖަރުމަނުވިލާތް، 14- ވޮޝިންޓަން ޑީސީ، 15- ތުރުކީވިލާތެވެ. 

މީގެ އިތުރުން ދެ ކޮންސިއުލޭޓް ވެސް ހުރެއެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓާއި ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow