މެންބަރުންގެ އަދަދު ހިފަހައްޓަން ތާއީދު! މުސާރަ ކުޑަކުރާކަށް ތާއީދެއް ނޫން!

މެންބަރުންގެ އަދަދު ހިފަހައްޓަން ތާއީދު! މުސާރަ ކުޑަކުރާކަށް ތާއީދެއް ނޫން!

5 months ago - 10:03

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ ބަދަލުކުރުމަށް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ތާއީދު ކުރެއްވި ނަމަވެސް، މެންބަރުންނަށް ލިބޭ މުސާރަޔާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެންނަން ތާއީދުނުކުރައްވާ ކަމަށް މަޖިލީހުގެ ގިނަ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އިއްޔެ އޮތީ މެމްބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރަރަށް ބަހުސް ކުރުމެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު ނުހިފަހައްޓައިފި ނަމަ 2029 ވަނަ އަހަރު 108 ގޮނޑި އަށް އަދި 2033 ވަނަ އަހަރު 115 މެންބަރުން މަޖިލީހުގައި ތިއްބަވާނެ ކަމަށެވެ.

މެންބަރުންގެ އަދަދު އިތުރު ވަނީ ގާނޫނުއަސާސީގައި ކޮންމެ 5،000 މީހަކަށް ގޮނޑިއެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތުމުން ކަމަށާއި ބައެއް ގައުމުތަކުން ހަދާ ގޮތަށް މަސައްކަތު އާބާދީ އަށް ބަލައިގެން އަދަދު ކަނޑައަޅައިފި ނަމަ މަޖިލީހުގައި މިހާރު ތިއްބަވާނީ 80 މެންބަރުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ މައްސަލަ ހައްލު ކުރަން ނާޒިމް ދެއްވި ހިޔާލަކީ ގާނޫނުއަސާސީގައި 5،000 މީހަކަށް މެންބަރެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އޮތުން 10،000 އަށް ބަދަލު ކުރުމެވެ. އޭރުން މަޖިލީހުގެ އަދަދު ކުރިޔަށް އޮތް 25 އަހަރު ތެރޭގައި ވެސް 70 ގެ އަދަދު ތެރޭގައި ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ, 2008 ގައި ގާނޫނުއަސާސީ ފާސް ކުރިއިރު ރާއްޖޭގެ އާބާދީ މިހާރު މި އޮތް ވަރަށް ވުރެ ކުޑަ ކަމަށާއި 5،000 މީހުން ހަމަ ނުވަ އަތޮޅުތައް ވެސް ހުރި ކަމަށެވެ. އެހެންވެ، ކޮންމެ އަތޮޅެއްގައި ދެ މެންބަރުން ތިބެން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް ކޮންމެ 5،000 މީހުން ތަމްސީލް ކުރާ މެންބަރުންގެ އަދަދު އެކަކަށް ދަށްކުރުމުން މަޖިލިހުގެ މެންބަރުންގެ އަދަދު 72 އަކަށް ބަދަލުވާނެ ކަމަށް ކުޑޫ ވިދާޅުވި އެވެ.

 "މި ގޮތަށް ކަންތައް ކޮށްފި ނަމަ ފަސް އަހަރު ތެރޭގައި 108 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. އެ މާއްދާގައި ބަޔާން ކުރާ އަދަދު 5،000 އިން 7،000 އަށް ބަދަލު ކުރަން ފެންނަ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮންމެ އިދާރީ ދާއިރާއެއްގައި ވޯޓު ލެވޭ އާބާދީ އިތުރުވެ ވޯޓު ގަތުމަށް އޮތް ފުރުސަތު ކުޑަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.  ޝުޖާއުގެ ގަރާރަށް ގާސިމް ތާއީދު ކުރެއްވި ނަމަވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ 5،000 ގެ އަދަދު އިތުރު ކުރަން އޭނާ ތާއީދެއް ނުކުރައްވަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މެންބަރުންގެ އަދަދު ހިފެހެއްޓުމަށްފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. ރާއްޖޭގެ މާލީ ހާލަތު އޮތީ ގިނަ ބަޔަކަށް މުސާރަ ދެވޭ ގޮތަކަށް ނޫން ކަމަށާއި ނަމަވެސް މަޖިލިސް މެންބަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ އަދަދު ވެސް މަދު ކުރަން ނާޒިމް ގޮވާލެއްވި އެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ 10،000 މީހަކަށް މެންބަރެއް ހުރުމަކީ އެންމެ ރަނގަޅު ހައްލު ކަމަށެވެ. 

މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ ބަހުސްގައި މެންބަރުންގެ ހިޔާލު ތަފާތުވީ މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގޮތުންނެވެ. އެ މައްސަލާގައި ގަލޮޅު އުތުރު ދާއިރާ މެންބަރު ކުޑޫ ވިދާޅުވީ 19 ވަނަ މަޖިލީހުގައި 87 މެންބަރުން މުސާރަ އާއި އިންޝުރަންސަށް ފަސް އަހަރު ތެރޭގައި 448 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ކަމަށާއި މިހާރު ހިންގަމުން އަންނަ 20 ވަނަ މަޖިލިހުގައި ތިއްބަވާ 93 މެންބަރުންނާ އެކު، މެންބަރުންގެ މުސާރަ 479 މިލިއަނާ ދިމާއަށް ވަނީ މިސްރާބު ޖަހާފައިވާ ކަމަށެވެ. 

ކުޑޫ ވިދާޅުވި ގޮތުގައި މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިނާޔަތްތަކާ އެއް ހަމަ ކުރަންޖެހެ އެވެ. މަޖިލިސް މެންބަރުން އަމިއްލަ އަށް މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި މެންބަރުންގެ ދައުރު ވެސް ދެ ދައުރަށް ބަދަލު ކުރަން ކުޑޫ ގޮވާލި އެވެ. 

ނަމަވެސް އެ މައްސަލާގައި ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ގާސިމާއި ނާޒިމް ވެސް މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅެވެ. އެ މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުން ކުރައްވާ މަސައްކަތާ ބަލާ ނަމަ މުސާރަ ކުޑައެވެ.

މެންބަރުންގެ މުސާރަ ބޮޑު ނޫން ކަމަށް ވިދާޅުވެ، މުސާރަ ކުޑަކުރުމާ ދެކޮޅަަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ގަރާރު ހުށަހެޅުއްވި، ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ވާހަކަ ދެކެވޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއުއަށް ފަހު ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު އަދި މާމިގިނލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވީ މެންބަރުންގެ މުސާރަ ކުޑަ ކަމަށެވެ. އޭގެ ފަހުން ވާހަކަ ދެއްކެވި، ޕީއެންސީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވީ މެންބަރުންގެ މުސާރަޔާ އިނާޔަތް ކުޑަކުރުމާ ދެކޮޅަށެވެ.

އެގޮތަށް ވާހަކަ ދެއްކެވި އެއް މެންބަރަކީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދެވެ. އޭނާ ވިދާޅުވީ، މެންބަރުންނަކީ މިއަދު ވެލްފެއާ ޕޯޓަލެއް ކަހަލަ ބައެއް ކަމަށެވެ. 

ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާ ބޮޑުކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މުއައްސަސާތަކުގެ ވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށް ކުރާ ހަރަދު މާ ބޮޑުކަމަށެވެ.

"މަޖިލިސް މެންބަރުކުރަން ޖެހޭ ހަރަދުތަކެއް މިއިން އެއްވެސް ބޭފުޅަކު ކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، މަޖިލިސް މެންބަރުން ދާއިރާގެ އެތައް ރައްޔިތުންނެއްގެ އެތައް ކަމެއްގައި އުޅެން އެބަ ޖެހޭ. އެހެންވީމާ މަޖިލިސް މެންބަރުންގެ މުސާރައަށް މިލިބޭ 42،000 ރުފިޔާ ގިނަވެގެން މިދައްކާ ވާހަކައަކީ އަަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމަށް ރައްޔިތުންގެ ތެރޭގައި އަބަދު ވެސް ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް އެކަން އޮތީ އެހެނެއް ނޫން ކަމަށެވެ.

"ނޫން، އެއްގޮތަކަށް ވެސް އެހެނެއް ނޫން، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި، ކުންފުނިތަކުގައި ވެސް މިއަށް ވުރެ މާބޮޑެ މުސާރަތައް ލިބޭ ފަރާތްތައް އެބަ ތިބި،" އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓަން އޭނާ ވެސް ތާއީދުކުރެއްވި އެވެ.

ޝުޖާއު ވިދާޅުވީ މެންބަރުންގެ މުސާރަ ކުޑަ ނުކުރިޔަސް މެންބަރުކަމުން ވަކިވުމުން، އިނާޔަތްތައް ލިބޭ ގޮތަށް އޮތް އޮތުމަށް އޭނާ ތާއީދެއް ނުކުރައްވާ ކަމަށެވެ. އެންމެ ދައުރެއް ފުރިހަމަ ކުރާ މެންބަރަކަށް ވެސް އުމުރު ދުވަހަށް ދައުލަތުން އޭނާ އަށް ހަރަދު ކުރުން ދެކޮޅެއް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަމަކު، ގާސިމާއި ނާޒިމްގެ ވާހަކައިގައި މެންބަރުކަމުން ވަކިވުމުން އިނާޔަތްތައް ކަނޑާލާ ވާހަކަ އަށް އެބޭފުޅުން ދެކޮޅު ހެއްދެވި އެވެ. މަޖިލީހަށް ހިދުމަތް ކުރައްވާފައިވާ މެންބަރުންނަށް އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށް އެ ދެ މެންބަރުން ގަބޫލު ކުރައްވަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow