ވަންދޫ ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އަވަސްކުރަނީ
ވަންދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަޝްރޫޢުކަމުގައި
ވަންދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަޝްރޫޢުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަންދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަޝްރޫޢުކަމުގައެވެ. އެހެންކަމުން އެމަޝްރޫޢު އެންމެ އިސްކަންދޭ މަޝްރޫޢުގެ ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ދެންހުރި ތަރައްޤީގެ ކަންކަމުގައި އިސްކަންދޭ ތަރުތީބެއް ކަނޑައެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ހުރި މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އެކަންކަން ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ސަރުކާރުން މިހާރު ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ރަށެއް ލިބޭގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ކައުންސިލުތަކަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ވަންދޫގައިވެސް ތަކުރާރު ކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ގަވައިދުގައި ވާގޮތަށް އެފަދަ ރަށެއް ބޭނުންކުރެވޭނީ އެރަށެއްގެ ވަކިވަކި ފަރުދުންނާއި ވިޔަފާރިތައް ހިމެނޭހެން އެރަށެއްގެ މުޅި މުޖުތަމަޢަށް ފައިދާވާ ގޮތަށް އަދި ކައުންސިލަށް އާމްދަނީ އިތުރުކުރެވޭ ގޮތަށް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް