އޭޝިއަން ކަޕްގެ ފައިނަލުގެ ފުރަތަަމަ ޖާގަ ޖޯޑަން އިން ކަޝަވަރު ކޮށްފި
އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ސައުތު ކޮރެއާ އާއި ޖޯޑަން ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯޑަން އިން މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ސައުތު ކޮރެއާ އާއި ޖޯޑަން ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯޑަން އިން މުބާރާތްގެ ފައިނަލުން ޖާގަ ކަޝަވަރުކޮށްފި އެވެ.
ފީފާ ރޭންކިންގައި 23 ވަނައިގައި އޮތް ސައުތު ކޮރެއާ އާއި 87 ވަނާގައި އޮތް ޖޯޑަން މުބާރާތްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި ވާއިރު، މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ ސައުތު ކޮރެއާ އިންނެވެ.
ނަމަވެސް މިހާފުގައި އެޓީމަށް ޖޯޑަންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު، މިހާފުގައި ޖޯޑަން އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ..
ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސައުތު ކޮރެއާ އިންނެވެ. ނަމަވެސް ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ޖޯޑަން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޔަޒާން އަލް ނައިމަތު އެވެ.
މިއީ އެޓީމުގެ މިޑްފިލްޑަރު މޫސާ އަލް ތަމާރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޖޯޑަން އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު މޫސާ އަލް ތަމާރީ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ނިޒާރު އަލް ރަޝްދާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖޯޑަން ކުރީގައި އޮވެގެންނެވެ.
ފީފާ ރޭންކިންގައި މިދެޓީމުގެ މެދުގައި 64 ދަރަޖައިގެ ފަރަގެއް އޮތް ނަމަވެސް މިމެޗުގައި ފީފާ ރޭންކިންގެ 87 ވަނައިގައި އޮތް ޖޯޑަންގެ ގޯލާއި އަމާޒުކޮށް ރޭންކިންގެ 23 ވަނާގައި އޮތް ސައުތު ކޮރެއާއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މުބާރާތުގެ ފައިނަލްގައި ޖޯޑަން އިން ނުކުންނާނީ މާދަމާ ރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި އުޒްބެކިސްތާނާއި ގަތަރު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ރިއެކްޝަންސް