
ފަތުރުވެރިކަމުގައި ތަރައްޤީވަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން މަގުތައް ހަދަން ތާއީދެއް ނުކުރަން- ރައީސް
މަގުތައް ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް
ފަތުރުވެރިކަމުގައި ތަރައްޤީވަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން މަގުތައް ހަދަން ތާއީދެއް ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ބ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރަށްތަކުގައި ތާރުއަޅައިގެން މަގުތައް ހެދުމާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ވާހަކަދައްކަމުން ދާވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތާރު އަޅައިގެން މަގުތައް ހެދުމަކީ ކޮންމެހެން މާ މުހިއްމު ކަމެއް ނޫން ކަމަށެވެ. ޚާއްޞަކޮށް ގެސްޓްހައުސްތައް ތަރައްޤީވަމުން އަންނަ އަދި ޓޫރުޒަމް ވަރަށްބޮޑަށް ފުލާވެގެން އަންނަ ރަށްރަށުގައި ތާރުޅައިގެން މަގުތައް ހަދަން ތާއީދު ނުކުރައްވާ މޭރުމުން އެމަނިކުފާނު ވާހަކަދެއްކެވިއެވެ.
" ޓޫރިޒަމް ގެސްޓްހައުސްތައް ޑިވެލޮޕްވަމުން އަންނަ ޓޫރިޒަމް ވަރަށްބޮޑަށް ފުޅާވެގެން އަންނަ ރަށްރަށުގައި ވީހާވެސް ބޮޑަށް ގުދުރަތީ ރީތިކަން ބެލެހެއްޓޭނެ ގޮތަށް ނޫނިއްޔާ ނެތިގެން ނުދާގޮތަށް މަގުހެދުމަކީ މުހިއްމު ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގެ މަގުތައް ހަދާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަގުރައް ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް, ރަށަށް އިގްތިސާދީ ގޮތުން ބޭނުންވާ އިތުރު ކުރިއެރުން ލިބޭނެ ގޮތަށް ކަމަށެވެ.
ކަމަދޫ އަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އަދި މަގުތައް ހަދަން ނިންމާފައިވާ ރަށެކެވެ. އެމަސައްކަތް ހަވާލުކުރުމާ ހަމައަށް އާދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ރައީސް ވަޑައިގެން ކަމަދޫގެ ތަރައްޤީއަށް މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ފުރަތަމަ ސޮއިކުރީ ކަމަދޫ ސްކޫލުގައި ގާއިމުކުރާ އައު އިމާރާތުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓަޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރި 2 ވަނަ އެއްބަސްވުމަކީ، މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ބ. ކަމަދޫއަށް ސީޕްލޭން އޮޕަރޭޓްކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެނޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް އިޔާސް އަދި ހޯކްސް ހޮޓެލްސްގެ ޑިރެކްޓަރ ޙުސައިން އަމަންއެވެ.
ރިއެކްޝަންސް






