އޭބޯލާ އާއި ހަންޓާ ވައިރަހަށް އެއަރޕޯޓުން ދަނީ ސްކްރީން ކުރަމުން: ތަރުޖަމާނު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އޭބޯލާ އާއި ހަންޓާ ވައިރަސް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަންނަ ފަރާތްތައް ސްކްރީން ކުރުމުގެ މަސައްކަތް ވައިގެ ބަނދަރުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ތަރުޖަމާނު ވިދާޅުވީ، ދުނިޔޭގައި ފެތުރެމުންދާ މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް މީގެ ކުރިންވެސް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ބަލި ފެތުރުމުގެ ފުރުސަތު ކުޑަވި ނަމަވެސް، ކަމާބެހޭ އިދާރާތަކުން ތިބީ ފުރިހަމަ ސަމާލުކަމެއްގެ ތެރޭގައި ކަމަށާއި، ޚާއްޞަކޮށް ބޭރުން އަންނަ ދަތުރުވެރިން ސްކްރީން ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދެކުނު އެމެރިކާގެ ކްރޫޒް ލައިނާ އަކުން ފެނުނު ހަންޓާވައިރަސް އާއި ކޮންގޯ އަދި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބައްޔަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާންމު ޞިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެޗްޕީއޭއިން އިތުރަށް ހާމަކުރި ގޮތުގައި، މި ބަލިތައް ރާއްޖެއަށް އައުމުގެ އިހުތިމާލު ކުޑައެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، މި ބަލިތައް މިހާރު ފެތުރެމުންދާ ޤައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





