މާލެ ޓެކްސީ ލައިނަށް އާންމުންގެ ބޮޑު ތަރުހީބެއް

މާލެ ޓެކްސީ ލައިނަށް އާންމުންގެ ބޮޑު ތަރުހީބެއް

26 minutes ago - 08:32
Advertisement
Advertisement

ސަރުކާރުން އަލަށް ފެށި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ވަރަށް ބޮޑުވެ، އެ ހިދުމަތަށް އެދޭ ފަރާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހުސެއިން މުހައްމަދު ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.


"ޕްރެސަރ ވިތް ސްޕޯކްސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ހިދުމަތެއް ކަމަށެވެ. މާލޭގައި އަމިއްލަ ފަރާތްތަކުން ދެމުންދާ ޓެކްސީގެ ހިދުމަތްތަކުގައި، ވާރޭވެހޭ ގަޑިތަކުގައްޔާއި ބާރުބޮޑުވާ ވަގުތުތަކުގައި ކުރު ދަތުރުތައް ނެގުމަށް އިންކާރުކުރުން ފަދަ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ.


މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.


ތަރުޖަމާނު މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން އެންމެ ފުރަތަމަ ވެސް އިސްކަންދިނީ މަގުމަތީގައި ހުރި ދުވަސްވީ އަދި ހަލާކުވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތަށެވެ.


މާލެ ޓެކްސީގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާ ކަމަށް އެމްޓީސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ހިދުމަތަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ހާއްސަ ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެއެވެ.


މި ހިދުމަތަށް އެދުމަށްޓަކައި ހާއްސަ ވެބްސައިޓެއްގެ އިތުރުން، ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް ވެސް ބުކިންގް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ސަރުކާރުގެ އަމާޒަކީ އާންމުންގެ ފަރާތުން ލިބޭ ފީޑްބެކާއެކު މި ހިދުމަތް އިތުރަށް ފުރިހަމަކޮށް، މާލޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement