ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ، އެ ފުރުޞަތެއް ނުދޭނަން: ޢަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެންނެގޭނެ ކަމަށާއި، އެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީގައި މިރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންނަށް "ނަނާ ހުވަފެން" ނުދެއްކެވުމަށެވެ. އަދި ރައްޔިތުން ތިބީ ރައީސް މުޢިއްޒާއި މި ސަރުކާރާ އެކުގައި ކަމަށާއި، މަޖިލީހުގެ ތެރެއިން ސަރުކާރު ބަދަލުކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން އައްޑޫގެ މުހިއްމު ލިޔެކިޔުންތަކުގައި މާޒީގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓަކު މަޖިލީހަށް ހޮވަން އައްޑޫ ރައްޔިތުން ބޭނުންނުވާނެ ކަމަށާއި، އެމްޑީޕީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފެންވަރުގެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޙައްޤުވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދާއިރާގެ ގޮނޑި މީގެކުރިން ފުރުއްވި މުޙައްމަދު ސިނާން (ސިނާ) ކޮށްދެއްވި މަސައްކަތްތަކަށް ޢަބްދުއްރަޙީމް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފަހަރުގެ ބައި އިލެކްޝަން ޕީއެންސީން ކާމިޔާބުކުރާނީ ސިނާގެ ވެސް އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަނުގައި ޕީއެންސީގެ އަޙްމަދު ސަޢީދާ ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ރިއެކްޝަންސް

