ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ޕީއެންސީގެ ކެމްޕޭން ރަސްމީކޮށް ފަށައިފި
އައްޑޫ ސިޓީ، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަޙްމަދު ސަޢީދުގެ ކެމްޕޭން ރަސްމީކޮށް މިރޭ ފަށައިފިއެވެ.
އައްޑޫ ސިޓީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި، ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން ޓީމުގެ އިތުރުން ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި މި ގޮނޑި ކާމިޔާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، މި ޖަލްސާގައި ވަޒީރު ޢަބްދުﷲ ރާފިޢު އާއި ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވެސް ވަނީ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ސޯދިގު (ސޯބެ) އެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ. މި އިންތިޚާބަކީ ދާއިރާގެ ތަރައްޤީއާއި މުސްތަޤުބަލަށް ނުހަނު މުހިންމު އިންތިޚާބެއްގެ ގޮތުގައި ދެ ޕާޓީން ވެސް ދެކެއެވެ.
ރިއެކްޝަންސް





