މޭރީ މަރާލި މައްސަލަ: މާވިން އުމުރަށް، އަދި ލަމްހާއަށް 15 އަހަރުގެ ޖަލު ޙުކުމެއް!
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލިކަން ސާބިތުވެ، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އުމުރު ދުވަހަށް އަދި މި މަރާލުމުގައި ބައިވެރިވި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
19 އޮކްޓޫބަރު 2021 ގައި މއ. އުދުހޭކޮކާގޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި، މޭރީ މަރާލާފައިވަނީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީ، ނޭވާ ހާސްކޮށްލައިގެންނެވެ. ޝަރީއަތުން ހާމަވި ގޮތުގައި، މާވިން އާއި ލަމްހާ މޭރީ މަރާލަން ރޭވީ އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުންނެވެ.
މި މައްސަލަ ބެއްލެވި ގާޒީ މުޒަންމިލް ނަސީރު މާވިންގެ މައްޗަށް އިއްވީ ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު، އޭނާ ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 26 ދުވަހުގެ ޖަލު އަދަބެކެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި މާވިންގެ އަދަބު މަތިކުރީ، މޭރީ މަރާލުމަށްފަހު އެ އަމަލު ފޮރުވަން މަސައްކަތް ކުރުމާއި، އިންސާނެއްގެ ކަރާމާތަށް އެއްވެސް އިހުތިރާމެއް ނެތި އެ އަމަލު ހިންގާފައިވާތީއެވެ.
ޝަރީއަތުގެ މަޖިލީހުގައި މާވިންގެ ފަރާތުން އަދަބު ލުއިކޮށްދިނުމަށް އެދުނު ނަމަވެސް، ދައުލަތުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ދައުލަތުން ބުނީ މާވިންއަކީ މަރުވި މީހާގެ ފިރިމީހާ ކަމަށްވެ ހުރެ، ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މަގާމެއްގައި ހުރެ ހިންގި މި ރަހުމްކުޑަ އަމަލުގެ ސަބަބުން ކުޑަކުއްޖެއްގެ މަންމަ ގެއްލިފައިވާ ކަމަށެވެ. އަދި އޭނާއަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހަކަށް ވުމުން، މިއީ މުޅި ދާއިރާއަށް އޮތް އިތުބާރު ގެއްލޭނެ ކަމެއް ކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.
މި މަރުގައި ބައިވެރިވި އައިޖީއެމްއެޗްގެ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ، ޖުމްލަ 15 އަހަރާއި 4 މަހާއި 15 ދުވަހުގެ ޖަލު އަދަބެއް ވަނީ އިއްވާފައެވެ. ބަންދު މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ލަމްހާގެ މައްޗަށް ސާބިތުވީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނުނަގައި ކޮންޓްރޯލް ބޭސް ގެންގުޅުމުގެ ދައުވާތަކެވެ.
ލަމްހާގެ ފަރާތުން އޭނާއަކީ އެކަނިވެރި މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެދުނެވެ. ނަމަވެސް ގާޒީ ނިންމެވީ މޭރީ މަރާލުމުގެ ހަގީގަތް ފޮރުވަން މަސައްކަތް ކުރުމާއި، އެ އަމަލުގައި އެންމެ މަތީ މިންވަރަށް ބައިވެރިވެފައިވާތީ އަދަބު ލުއިކޮށްދޭން ޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ރިއެކްޝަންސް





