އެއާޕޯޓުން ބީއެމްއެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގެ ޝަރީއަތް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރި ބްރީފްކޭހެއް ފޭރުނު މައްސަލާގައި ދައުވާ އުފުލާފައިވާ އަށް މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ތުހުމަތުކުރެވޭ މީހުން އެއާޕޯޓަށް ގޮސްފައިވަނީ ޓެކްސީއެއްގައެވެ. ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ފޭރުމަށްފަހު، އެމީހުން ފިލާފައިވަނީ އެއާޕޯޓުގައި ތައްޔާރުކޮށްފައި އޮތް ލޯންޗެއްގައެވެ. ނަމަވެސް، ފުލުހުން ހަމަ އެދުވަހު އެ ލޯންޗު ހޯދައި، މި މައްސަލާގައި ހިމެނޭ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 8 އަދި 26 ވަނަ ދުވަހުއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި، މި ފޭރުމުގެ އަމަލު ހިންގާފައިވަނީ ވީއައިއޭގެ އައު ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދެ މުވައްޒަފަކު ގޭޓް 1 ގެ ކުރިމަތީގައި ތިއްބައެވެ. އެމީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް ސޫޓްކޭހުގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯ، 1,735 ޕައުންޑް، 2,610 ސިންގަޕޯ ޑޮލަރު، 1,345 އޮސްޓްރޭލިއަން ޑޮލަރު، 510 ސްވިސް ފްރޭންކް، 1,515 ކެނޭޑިއަން ޑޮލަރު، 334,000 ޖަޕަނީސް ޔެން، 10,420 ހޮންގްކޮންގް ޑޮލަރު، 23,778 ދިވެހި ރުފިޔާ، 25,000 އިންޑިއަން ރުޕީސް އަދި 600 ޗައިނީސް ޔުއާން ހުއްޓެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވާ އަށް މީހުންނާއި އެމީހުންގެ މައްޗަށް ކުރާ ދައުވާތަކަކީ، އަހްމަދު މާހިދު (ތ. ވިލުފުށި، އެހީވާގެ): ފޭރުމުގެ ދައުވާ، ތޫނުއެއްޗަކުން ބިރުދެއްކުމުގެ ދައުވާ އަދި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދައުވާ އަދި އަލީ އަފްޒަލް (ސ. ހިތަދޫ، ވަށަގުލިމާގެ): ފޭރުމުގެ ދައުވާ އަދި ތޫނުއެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މީގެ އިތުރުން ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވަނީ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި، ބިނާ)، ހުސައިން ޝަހުދު (ކ. ގުރައިދޫ، އަޅިވިލާގެ)، އިބްރާހީމް އަނޫފް (ކ. ގުރައިދޫ، އަޅިވިލާގެ)، މާޒިން މޫސާ (ލ. މާވައް، ރޭޝަމް)، އަހްމަދު ރައިހާން ނައީމް (މ. ކޯރަސް) އަދި އިސްމާއީލް ސިރްހާން (ރ. މަޑުއްވަރި، މީޒާން) އެވެ.
ޕީޖީ އޮފީހުން ވަނީ މި ހާދިސާގެ ސަބަބުން ބީއެމްއެލްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު، ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައެވެ.
ރިއެކްޝަންސް





