ސްނޯކްލިންގަށް ގޮސް އުޅެނިކޮށް އޮޔާދިޔަ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފި
ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރުއެވެ. މި ފަތުރުވެރިޔާ ފެނިފައިވަނީ މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށެވެ.
އެ ފަތުރުވެރިޔާ ފެނުނުއިރު، އޭނާ އޮތީ އޭނާ ސްނޯކްލިންގަށް ދިޔަ ރިސޯޓާ ގާތްގަނޑަކަށް އެއް މޭލު ބޭރަށް އޮޔާ ގޮސްފައެވެ. ފުލުހުން ވަނީ ވަގުތުން އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ފުލުހުންގެ ލޯންޗަށް ނަގައިފައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، ސަލާމަތްކުރި ފަތުރުވެރިޔާ މިހާރު ވަނީ ރައްކާތެރިކަމާއެކު އޭނާ ހުރި ރިސޯޓަށް އަނބުރާ ގެންގޮސްދީފައެވެ. އަދި އެ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ދުވަސްވަރަކީ ކަނޑުގަދަ އަދި އޮއިގަދަ ދުވަސްވަރަކަށް ވާތީ، މޫދަށް އެރޭ ފަރާތްތަކުންނާއި ފަތުރުވެރިން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.
ރިއެކްޝަންސް





