ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވެއްޖެ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި މަސައްކަތަށް ބޭނުންވާ މެޝިނަރީތައް މިހާރު ވަނީ އެ ސަރަހައްދަށް ގެންގޮސްފައެވެ. އަދި މިދިޔަ ހަފުތާއިން ފެށިގެން މަގުގެ އެކި ސެގްމަންޓުތައް އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބުރާސްފަތި ދުވަހު ސެގްމެންޓު 4 އަދި 5 އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން މަގުގެ ދުވާރު ހެދުމާއި، ޕާކިންގ އޭރިއާ ތަރައްޤީކުރުމުގެ އިތުރުން އެއްގަމު ތޮށީގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މި މަޝްރޫޢު ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް މުޅިން ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ ޖުލައި މަހުގެ 26 ވަނަ ދުވަހަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި "ރިންގް ރޯޑް" މަޝްރޫޢުގެ މުހިންމު ބައެއް ކަމަށެވެ. މާލޭގެ ބޭރުމަގު ދެކޮޅަށް ދުއްވޭ ގޮތަށް ފުޅާކޮށް ތަރައްޤީކުރުމުން، މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން މީގެކުރިން އިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ވަނީ ތާރުއަޅާފައެވެ. މިހާރު ކުރިއަށްދާ މަސައްކަތަކީ ހެންވޭރު ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރުމެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ފިޔަވަހި ނިމުމާއެކު، ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދު ހިމެނޭހެން އަމީނީ މަގު ނިމޭ ހިސާބާ ހަމައަށް ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރިއެކްޝަންސް





