ފައިސާ ހަމަނުޖެހި ކިޔެވުމަށް ބުރޫއެރިޔަކަ ނުދޭނަން- މަތީ ތައުލީމާބެހޭ ވަޒީރު
މިނިސްޓަރ މާރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ފައިސާ ހަމަނުޖެހި ކިޔެވުމަށް ބުރޫއެރިޔަކަ ނުދޭނަން- މަތީ ތައުލީމާބެހޭ ވަޒީރު

12 hours ago - 14:26
Advertisement

ފައިސާ ހަމަނުޖެހި ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން މަތީ ތައުލީމާބެހޭ ވަޒީރު ޑރ.މަރްޔަމް މާރިޔާ ދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ވިދާޅުވީ ފައިސާ ދޫކުރުން ލަސްވަނީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ހުރުމުން, އެކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ.

އިޖުރާއަތްތައް ފުރިހަމަ ކުރަން ކުރިމަތިވާ ބައެއް ގޮންޖެހުންތައްވެސް މިނިސްޓަރ ހިއްސާ ކުރެއްވިއެވެ. އޭގެ ތެރޭގައި ލިޔެކިޔުންތައް ފުރިހަމަނުކޮށް ފައިސާ ހޯދަން ހުށަހެޅުމާއި, އެދޭ ފައިސާއަކީ އެކަމަށް ހިނގާނެ ޚަރަދުކަން ސާބިތުވާނެ ފަދަ ލިޔުން ހުށަހަޅާފައި ނުހުރުންނަ އެޕްލިކޭޝަންތައް ހުންނަކަންވެސް ފާހަގަކުރެއްވިއެވެ. އަދި ލޯނު ދޭން އިއުލާނުކޮށްފައިވާ ގައުމު ނޫން އެހެން ގައުމަކަށް ދާން ބޭނުންވުމުން ދިމާވާ އިދާރީ ދަތިތަކުގެ ސަބަބުންވެސް ލަސްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޔުނިވަރސިޓީން ލިބެންޖެހޭ ލިޔުން ނުލިބިގެންނާއި, ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހެޅި ނަމަވެސް މުއްދަތު ކުރުކޮށް ހުށަހެޅުމުންވެސް ފައިސާގެ ކަންކަން ހަމަޖެހުން ލަސްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފައިސާ ދޫކުރުމަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ކަމަށެވެ.

"އެ އިޖުރާއަތްތައް ފުރިހަމަ ކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށާއި, ނާޖާއިޒު ގޮތުގައި ފައިސާ ހޭދަކުރެވެމުން ދިއުން ހުއްޓުވމަށް ކޮންމެހެން ކުރަން ޖެހޭ ކަންކަން. " މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ކިޔަވާ ދަރިވަރުންނަށް ޢާއްމުކޮށް މިނިސްޓްރީން ފައިސާ ދޫކުރަމުން ދަނީ ކޮންމެ ހަމަހަކުން އެއްފަހަރު އެވެ. އަދި ފައިސާ ދޫކުރުމުގެ ކުރިން ދަރިވަރު ކިޔަވަމުންދާކަން ކިޔަވާ މަރުކަޒުން ޔަގީން ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަކު އެ ޔަގީންކަން ކަށަވަރުކޮށް ނުދީވެސް ފައިސާ ހޯދުމަށް ދަރިވަރުގެ ފަރާތުން ކޯލްތައް ލިބޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން އެޕްލިކޭޝަން ފުރިހަމަ ނުކޮށް ފައިސާ ހޯދުމަށް ތަކުރާރުކޮށް ގުޅުމާއި, މައުލޫމާތު ފުރިހަމަ ނުކޮށް ފައިސާގެ ކަންކަމަށް ގުޅުމުން މިނިސްޓްރީގެ މުވައްޒަފުން އެކަމުގައި ބިޒީވެ, ރަނގަޅަށް އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާ ދަރިވަރުންގެ ފައިސާގެ ކަންކަން ހަމަޖެހުން ލަސްވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އަވަހަށް ކިޔަވަން ފަށަން ބޭނުންވި ދަރިވަރުންގެ ފައިސާ ހަމަޖެއްސުމުގައިވެސް ދަތިކަންކަން ކުރިމަތިވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލޯނުލިބޭ ދަރިވަރުންގެ ތެރޭގައި ސެޕްޓެމްބަރު މަހު ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުން ވަރަށްގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެދަރިވަރުންނަށް އިސްކަން ދީގެން ކަންކަން ނިންމަން ބައްލަވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު އެންމެބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަނީ އެދަރިވަރުންގެ ލޯނުގެ ކަންތައްތައް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޔަގީންކަން ދެއްވީ ފައިސާ ހަމަނުޖެހިގެން ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރިޔަ ނުދެއްވާނެ ކަމެވެ. ފައިސާ ހަމަނުޖެހި ކިޔެވުމަށް ބުރޫއަރާނަމަ މިނިސްޓްރީން އެޔުނިވަރސިޓީއަކާ މުއާމަލާތްކޮށް ޔަގީންކަން ދެއްވާކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ބޭރުފައިސާ ދިނުމުގައިވެސް ސަރުކާރުގެ ތެރެއިން ދަތިކަމެއް ނެތްކަމުގެ ޔަގީންކަން ދެއްވިއެވެ.

 

 

 

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement