ރައީސްއާއި ގުޅުވައިގެން ހަޤީޤަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފެތުރި ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވައި، ދަޢުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އޮންލައިން ނޫހަކުން ދާދިފަހުން އެމަނިކުފާނާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅޭގޮތުން އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ވިދާޅުވީ އެ ޑޮކިއުމަންޓްރީގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގު ވާހަކަ ހިމޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިޢުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މީގެ ކުރިން ވެސް އެ ނޫހުން އެމަނިކުފާނާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އެހެންކަމުން، މިފަހަރުގެ މި އަމަލުގެ ސަބަބުން އެމަނިކުފާނު ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ދަޢުވާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ، ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ މުއައްސަސާތަކުގެ އަބުރަށް ހުތުރުވާ ގޮތަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރާ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ރައީސްގެ މި ނިންމެވުމާއެކު، ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





