އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ
އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯއަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ. މީގެއިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި ގެއްލުން ލިބުނު ފަރާތްތަކާއި އިންޑޮނޭޝިއާގެ އެންމެހައި ރައްޔިތުންނާއެކު ދިވެހީން ސާބިތުކަމާއެކު ތިބިކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ހަމައެއާއެކު، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގައި ކެނޑިނޭޅި ހަރަކާތްތެރިވަމުންދާ މީހުން ސަލާމަތްކުރާ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސް ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ ޞިއްޙަތާއި ރައްކާތެރިކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ހޮނިހިރު ދުވަހު އިންޑޮނޭޝިއާއަށް ވަރުގަދަ ދެ ބިންހެލުމެއް އައިސްފައިވެއެވެ. އެގޮތުން ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން، އެ ޤައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރެއްވެސް ނެރުނެވެ. އަދި ޖާމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދެވަނަ ބިންހެލުން އައިސްފައިވަނީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިން، ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައެވެ.
މި ބިންހެލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސުމާތުރާގެ ވެރިރަށް މެޑާންގެ ދެކުނުއިރުމަތިން ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައި އޮންނަ ޕެމަތަންގްސިއަންތާރް އަށެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި މިހާތަނަށް 38 މީހުން ވަނީ މަރުވެފައެވެ.
ރިއެކްޝަންސް





