ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަހަރަކު 3 މިލިއަން ރުފިޔާ ދޫކުރުމުގެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފި

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަހަރަކު 3 މިލިއަން ރުފިޔާ ދޫކުރުމުގެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފި

2 hours ago - 21:15
Advertisement
Advertisement

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށާއި މުޖުތަމައުގެ ސިއްހަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގާ މަދަނީ ޖަމިއްޔާތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނެ ގޮތުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކޮށްފިއެވެ.


އެޗްޕީއޭ އިން ބުނި ގޮތުގައި މި އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ރަޖިސްޓާކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބާރުއަޅައި ހަރަކާތްތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ގިންތިއަކަށް ބަހާލައިގެންނެވެ.


ފައިސާ ދޫކުރާ ގިންތިތަކަކީ:

- ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތަކަށް: 75,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
- ޖުމުލަކޮށް ރާއްޖޭގެ އެންމެންނަށް ފައިދާކުރާނެ މަސައްކަތްތަކަށް: 100,000 ރުފިޔާއާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
- އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތް ކުރުމަށް: 300,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް.

އަލަށް އާންމުކުރި އުސޫލުގައިވާ ގޮތުން، ހުށަހަޅާ ކޮންމެ ޕްރޮޕޯޒަލެއްގައި އިދާރީ ހަރަދުގެ ގޮތުގައި ހިމެނޭނީ ހުށަހަޅާ ޖުމްލަ އަދަދުގެ ގިނަވެގެން 20 ޕަސެންޓެވެ.


މާލީ އެހީއަށް އެދޭ ޖަމިއްޔާތަކުގެ ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ޖަމިއްޔާއެއްގެ ގޮތުގައި މަދުވެގެން 12 މަސްދުވަސް ވަންދެން މަސައްކަތްކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، އެހީއަށް އެދޭ ފަރާތަކީ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ނުވަތަ އެފަދަ ވިޔަފާރިއަކާ އެއްވެސް ސިފައެއްގައި ގުޅުންހުރި ފަރާތަކަށް ވެގެންނުވާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


އެޗްޕީއޭ އިން ބުނީ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ 7 މެންބަރުންގެ އެވޯޑިން ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ އޮފިޝަލުން، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިސް މުވައްޒަފެއް، އެޗްޕީއޭއިން ކަނޑައަޅާ ފަރާތެއް، ޕަބްލިކް ހެލްތު ފަންޑު ކޮމިޓީގެ ބޯޑު މެންބަރެއް އަދި ހޯމް މިނިސްޓްރީގެ އިސް މުވައްޒަފެކެވެ.


މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement