ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށް، އެކަމަށް ޢަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުން ޤާއިމްކޮށްފައިވަނީ ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެ ޤައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް އަނެއް ޤައުމަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ސީޝެލްސްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށް ޚާރިޖީ ވުޒާރާއިން ސިފަކުރެއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އިތުރަށް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނަށް ދެ ޤައުމުގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު އުންމީދު ކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1 ޖުލައި 1980 ގައެވެ. މި އަހަރަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 44 އަހަރު ފުރޭ އަހަރެވެ.
ރިއެކްޝަންސް





