ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މަޢުލޫމާތު އެނގޭނެ ނިޒާމެއް ގާއިމުކުރަނީ
"މޯލްޑިވްސް 2.0" މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު، ރާއްޖޭގައި ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މަޢުލޫމާތު ފަސޭހައިން އެނގޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބިދޭސީން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާއިރު، އުޅަނދުފަހަރަށް އަރާ ބިދޭސީން ދެނެގަތުމަށް މިހާރު ދަތިތަކެއް ހުރި ނަމަވެސް، އާ ނިޒާމާއެކު ކޮންމެ އުޅަނދަކަށް އަރާ ފައިބާ ބިދޭސީންނަކީ ކޮން ބައެއްކަން ސާފުކޮށް އެނގޭނެ ކަމަށެވެ. މީގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގާ ހާލަތްތަކުގައިވެސް، ގެއްލޭ މީހުންގެ ވަނަވަރު ދެނެގަތުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު ރާއްޖެއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާ އެއް ޤައުމަށް ހެއްދެވުމެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގީ" އާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި އޮޕަރޭޝަނުގެ ތިންވަނަ ފިޔަވަހީގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި، މިއަހަރުގެ ނޮވެމްބަރު 17 ގެ ކުރިން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





