ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

3 hours ago - 20:50
Advertisement
Advertisement

ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ދޮރޯށި ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ކުރިއަށްގެންދަވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމު ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި، ދަޢުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އަދި ދަޢުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭބޭފުޅުންނާއި، ބޭރު ޤައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކުރެވިފައިވަނީ އެތަކުރުފާނުގެ ތާރީޚީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި 6 ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ.

ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރެއްވުމަށް ހއ. އަތޮޅުގައި ޚާއްޞަ ޤައުމީ މަޝްރޫޢެއް ކުރިޔަށްގެންދަވާއިރު، މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ، ހއ. އުތީމަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement