ރަމަޟާން މަހަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ވަގުތީ މާރުކޭޓު މިމަހުގެ 17 ގައި ހުޅުވަނީ
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށްޓަކައި އަލަށް ތަރައްޤީކުރާ މާރުކޭޓު، މިމަހުގެ 17 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މާރުކޭޓަކީ ރަމަޟާން މަހު ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރާ ތަނެކެވެ.
މި މާރުކޭޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލޭ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ސަރަހައްދުގައެވެ.
މި ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރާއްޖޭގެ 7 ރަށަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ކަނޑޫދޫ މިރުހަށް މަޝްހޫރު ތ. ކަނޑޫދޫގެ އިތުރުން ށ. ގޮއިދޫ އަދި ގއ. ނިލަންދޫ ފަދަ ދަނޑުވެރި ރަށްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މާރުކޭޓުގެ އެންމެ ޚާއްސަ އެއް ކަމަކީ، މިތަނުން ލިބޭނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ދިވެހި އުފެއްދުންތައް ކަމަށް ވުމެވެ. އަދި މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ އެންމެހާ ކަންކަމުގައި ހަރަކާތްތެރިވާނީ ހަމައެކަނި ދިވެހިން ކަމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މާރުކޭޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ. މީގެއިތުރުން، ރަމަޟާން މަސް ނިމުމާއެކު މާރިޗު މަހުގެ 26 ވަނަ ދުވަހަށް މި މާރުކޭޓު ހުސްކުރަން ޖެހޭނެ ކަމަށްވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރިއެކްޝަންސް









