
ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކަންކަން ކުރަންވާނީ އިހުލާސްތެރިކޮށް, ޒިންމާދާރުކޮށް- ރައީސް
ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކަންކަން ކުރަންވާނީ އިހުލާސްތެރިކޮށް, ޒިންމާދާރުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަމާޒުކުރައްވާ ރައީސް މިފަދައިން ވިދާޅުވީ ބ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެންދޫގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބައެއް ކައުންސިލްތަކުން ޒިންމާދާރުކަމެއް ނެތި ތަޖުރިބާ ހޯދުމުގެ ނަމުގައި ބޭކާރު ދަތުރުތައް ކުރަމުންދާކަން ފާހަގަކުރައްވަމުންނެވެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާއާއި އަދި އާމަދްނީގެ ގޮތުގައި އެއޮންނަ އުސޫލުގެ ތެރެއިން ހޯދާ ފައިސާ ބޭނުންކުރާގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
ފައިސާ ބޭނުންކުރާގޮތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ, ރައީސް ދެން ވިދާޅުވީ މުޅި ކައުންސިލް އޮތްގޮތަށް ތަޖުރިބާގެ ދަތުރު ކިޔާފަ ފައިދާއެއް ނެތް ދަތުރުތައް ދާ ކަމަށެވެ. އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅަށް ފައިދާ ނުވާނެ އަދި ފައިދާ ނުހޯދޭނެ ތަންތަނަށާއި, ގައުމުތަކަށް ބައެއް ކައުންސިލްތަކުން ދަތުރުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެދަތުރުތައް ކުރަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާ ނުވަތަ އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. ބްލޮކް ގްރާންޓުން ފައިސާ ދެނީ އަދި ޤާނޫނުން ފުރުޞަތު ދީގެން އާމްދަނީ ހޯދަން ފުރުޞަތު ދެނީ ރަށުގަ ކުރަން ހުންނަ މުނިސިޕަލް ޚިދުމަތް ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އެފައިސާއަކީ ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށާއި އެކި ކަންކަމަށް އާމްދަނީ ހޯދަން ދޭ ފައިސާ ކަމަށް ވިދާޅުވިއެވެ.
"ތަޖުރިބާ ދެން ކީއްކުރަންތޯ, މިހާރު ދައުރު މިއޮތް ނިމެނީ ދެން ތަޖުރިބާ ހޯއްދަވައިގެން ތިއްބަވަން ޖެހޭނީ ކުރިން އަޅުގަނޑު ދެކޭގޮތުގައި. މިކަހަލަ ކަންތައްތަކެއް ނޫން ކައުންސިލްތަކުން ކުރަންވީ. ލާމަރުކަޒީ ނިޒާމަކީ އެއަށްވުރެ މާސީރިއަސް ނިޒާމެއް. ރައްޔިތުންނަށް ވަރަށް މުހިއްމު ނިޒާމެއް." މިއަދުވެސް އަތޮޅު ކައުންސިލަކުން ތަޖުރިބާ ދަތުރެއް ފެށިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






