
ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރުމަކީ ސީދާ ރައްޔިތުން ބާރުވެރިކުރުވުން- ރައީސް
ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަކީ ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމެއް
ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރުމަކީ ސީދާ ރައްޔިތުން ބާރުވެރިކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބ.ކެންދޫގައި ވާހަކަދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކީ އެސަބަބަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށެވެ.
ތަފްސީލަށް ވަޑައިގެން ރައީސް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން ބައެއް ކައުންސިލްތަކުން އެރަށްރަށުގެ ޢާއްމު ރައްޔިތުން ކުރަމުންދާ ކުދި ވިޔަފާރިތަކަށް ވަންނަމުންދާ ކަމަށެވެ. ގާނޫނަށް ގެނައި އިސްލާހަކީ އެފަދަ ކަންކަން ހުއްޓުވުމަށް ގެނައި އިސްލާހެއް ކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުން ބާރުވެރިކުރަން ގެނައި އިސްލާހެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލޯކަލް ކައުންސިލް ކުންފުނި ކައުންސިލުން ހަދައިގެން ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ގެއްލޭ ކަމަށެވެ.
"އެހެންވީމަ ޢާއްމު ރައްޔިތުން ރަށުގަ ކުރާ ވިޔަފާރި ތެރެއަށް ކައުންސިލްގެ ކުންފުނި ނުވަންނަ ގޮތަށް މިބަދަލު ކުރަނީ. އެއަށްވުރެ ބޮޑަތި ފުޅާ ވިޔަފާރިތައް ކައުންސިލް ކުންފުނިން ކުރަންވީ. އެއީ މިގެނައި އިސްލާހަކީ" އިސްލާހުތައް ދިފާއުކުރައްވާ ރައީސް ވިދާޅުވިއެވެ.
ރައީސް އަދި ތަސްދީގު ނުކުރައްވާ މަޖިލިހުން ފާސްކޮށްފައިވާ އިސްލާހުގައިވާ ގޮތުން ކައުންސިލް ކުންފުނިތަކަށް ކުރެވޭނީ އިންވެސްޓްމަންޓް 10 މިލިއަނަށްވުރެ މަތީ ވިޔަފާރިތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަކީ އެމަނިކުފާނު ހިތުގެ އަޑިން ފުރިހަމައަށް ގަބޫލުކުރައްވާ ކަމެއް ކަމަށެވެ. އަދި އެނިޒާމްގެ ހުރިހާ މަރުހަލާއެއްގައި އުޅުއްވިފައިވާ ކަމަށާއި އެނިޒާމް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






