ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން ޓިކްޓޮކް "އެމްޓީޕީ" ގެ މައްޗަށް ހުކުމެއް

ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން ޓިކްޓޮކް "އެމްޓީޕީ" ގެ މައްޗަށް ހުކުމެއް

60 minutes ago - 15:16
Advertisement
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކައިގެން، ޓިކްޓޮކްގައި "އެމްޓީޕީ" ގެ ނަމުން މަޝްހޫރުވެފައިވާ މއ. ފޮގެޓްމީނޮޓް، ޢަބްދުﷲ ޒިޔާމްގެ މައްޗަށް އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.


ބީއެމްއެލްގެ ފަރާތުން ޒިޔާމްގެ މައްޗަށް ދަޢުވާކުރީ، ކްރެޑިޓް ކާޑުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ކާޑުން ކުރި މުޢާމަލާތްތަކުގެ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާ އަދި ރިކަވަރީ ފީ ހޯދުމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ދައުވާގެ ލިޔެކިޔުންތައް ޒިޔާމަށް ރައްދުކުރި ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުވަތަ ދިފާޢެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން މި މައްސަލަ ނިންމާފައިވަނީ ޒިޔާމްގެ ޣައިރު ޙާޟިރުގައެވެ.


ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކްރެޑިޓް ކާޑުގެ ޝަރުޠުތަކާއި ފީތަކަށް ޒިޔާމް އެއްބަސްވެފައިވާކަން ލިޔުންތަކުން އެނގެން އޮވެއެވެ. އަދި އިންޓްރެސްޓާއި ޖޫރިމަނާއާއެކު އޭނާ ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 8,536.21 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 1.3 ލައްކަ ރުފިޔާ) އަރާފައެވެ. މީގެ އިތުރުން ރިކަވަރީ ފީގެ ގޮތުގައި 5,000 ރުފިޔާ ނަގައިދިނުމަށް ވެސް ބޭންކުން ވަނީ އެދިފައެވެ.


މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ ސިނާން ޢަލީ ކުރެއްވި ޙުކުމުގައި ވަނީ، ޒިޔާމްގެ މައްޗަށް މި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ.


އަދި ކާޑަށް ދައްކަންޖެހޭ 8,536.21 އެމެރިކާ ޑޮލަރާއި، އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ އިތުރުން ރިކަވަރީ ފީއަށްވާ 5,000 ރުފިޔާ، މި ހިނގާ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ބީއެމްއެލްއަށް ދައްކައި ޚަލާސްކުރުމަށް ޒިޔާމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement