އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 6.8 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފި
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2027 ވަނަ އަހަރަށާއި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަންކުރާނީ، ރާއްޖޭގެ އިގްތިސޯދީ އޮއިވަރު ހިނގާގޮތާއި ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާކުރުމަށް ފަހު ކަމަށެވެ. އެގޮތުން ހުށަހެޅި ބަޖެޓުގައި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ގޮތް ވަނީ އަންދާޒާކޮށްފައެވެ.
ދުނިޔޭގެ އިގްތިސޯދަށް ނަޒަރު ހިންގާއިރު، ކުރިއަށް އޮތް އަހަރު ދުނިޔޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލަފާކުރަނީ 3.4 ޕަސެންޓުގައި ކަމަށް ޒަރީރު ވިދާޅުވިއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރު އިގްތިސޯދީ ދުވެލި 6.3 ޕަސެންޓުގައި ހުރިއިރު، މިއަހަރަށް ކުރިން ލަފާކުރީ 5.3 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. ނަމަވެސް، ކުރިމަތިލާން ޖެހުނު އިގްތިސޯދީ ގޮންޖެހުންތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ދުވެލި ބޮޑުތަނުން ދަށްވެ، 2026 ވަނަ އަހަރު އެ އަދަދު ހުންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދުގައެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު އިގްތިސޯދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 1.0 ޕަސެންޓުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަކީ އިގްތިސޯދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބަޖެޓެކެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓުތަކަށް އިސްކަންދީގެން ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ބިންގާ ވަރުގަދަވެ، އާންމު ހިދުމަތްތައް ފުޅާވެ، ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް





