ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

42 minutes ago - 20:03
Advertisement
Advertisement

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ބޭއްވެވި މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި، މި ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޚާއްޞަ ގުޅުމެއް އުފެދިފައިވާކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތްކުރުމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. ހަމައެހެންމެ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް، ދެޤައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މަޢުލޫމާތު ޙިއްސާކުރުމަކީ މުހިންމުކަމެއްކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވަނީ ޖުލައި 2025ގައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement