
ފިޔަވަޅުތަކާއެކު ބްލެކްމާކެޓްގައި ޑޮލަރުގެ އަގު ދަށަށްދާން ފަށައިފި- ތާރިގު
ޑޮލަރުގެ މައްސަލަ ހައްލުކުރަން ފިޔަވަޅު އެޅުއްވީ ހަމައެކި ރައީސް މުއިއްޒުގެ ސަރުކާރުން- ސައީދު
ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ބްލެކްމާކެޓްގައި ޑޮލަރުގެ އަގު ދަށަށް ދާން ފަށައިފި ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރެއްވުމަށް ބޭއްވި މިއަހަރުގެ ފުރަތަމަ އަހާ ފޯރަމްގައި ރޭ ޢާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ޑޮލަރު މާރުކުރުން ލާޒިމްކޮށް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ދަށްވެއްޖެކަން ޔަގީން ކަމަށެވެ.
ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން ކުޑަވާން ފެށުމުން ސަރުކާރުން ދެއްވި ބައެއް ލުއިތައް ފާހަގަކުރައްވާ ވަޒީރު ވަނީ ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކް ރޭޓްގައި 1500 ޑޮލަރު ލިބޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމެ މަތީން ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ މިހާތަނަށް ލިބެމުން އައި 500 ޑޮލަރުގެ އިތުރުން ޑެބިޓް ކާޑް މެދުވެރިކޮށް ކުރެވޭ މުއާމަލާތެކެވެ.
އަންނަ އަހަރުގެ ފުރަތަމަ ކްއާޓާއިން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓް މަތިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވިޔަފާރިވެރިންނަށްވެސް އެކަމުގެ ފައިދާ ކުރަމުންދާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އިތްތަނުގައި ވިޔަފާރިވެރިންގެ ބޭނުންތަކަށްވެސް ފަސޭހައިން ޑޮލަރު ލިބިގެންދާނެ. މިހާރުވެސް މިފެންނަނީ އަންނަ ހެޔޮބަދަލު." ވަޒީރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލައަކީ މިފަހުން އައި ހުރިހާ ސަރުކާރެއްގައިވެސް އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް އެމައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ޔާމީނުގެ ވެރިކަމުގައިވެސް ވަޒީރުކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.
ރިއެކްޝަންސް






