ބަޔާން މިއުނިކް އާއި އިންޓަރ މިލާންވެސް ކުއާޓަރ ފައިނަލަށް
ބަަޔާން މިއުނިކް ކުއާޓަރ އަށް ދިޔައިރު ކޭންވަނީ ރެކޯޑޭއް ހަދާފައި. ފޮޓޯ: ޗެމްޕިއަންސް ލީގު

ބަޔާން މިއުނިކް އާއި އިންޓަރ މިލާންވެސް ކުއާޓަރ ފައިނަލަށް

ކުއާޓަރ ގައި މި ދެޓީމް އެއްޓީމް އަނެއްޓީމާ ވާދަކުރާނެ

10 hours ago - 04:16
Mar 12, 2025 - 06:14

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ބަޔާން މިއުނިކާއި އިންޓަރ މިލާން ކޮލިފައިވެއްޖެއެވެ. ބަޔާން މިއުނިކް 2-0 (5-0ގެ އެގްރެގޭޓް) އިން ބަޔާން ލެވަކޫސަން ބަލިކުރިއިރު, އިންޓަރ މިލާން އާއި ފެޔެނޯޑް ބައްދަލުކުރި މެޗު ނިމުނީ 2-1 (4-1 ގެ އެގްރެގޭޓް) ންނެވެ.

ފުރަތަމަ ލެގުގައި 3-0 ން ލެވަކޫސަންގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ދެވަނަ ލެގުގެ ކުޅުން ބަޔާނުން ފެށީ އިތުބާރާ އެކުއެވެ. ނަމަވެސް ފުރަތަމަ ފާހު ނިމުންއިރު އެއްވެސް ޓީމަކަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

ބަޔާނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ލެވަކޫސަން ވަނީ ބަޔާނުގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާކޮށްފައެވެ. މައިކަލް އޮލިސީ އަދި ކިންގްސްލީ ކޯމަންގެ ހަމަލާތަކުން ބަޔާން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

މެޗުގައި ބަޔާނަށް 52 ވަނަ މިނިޓްގައި ހޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުޞަތުގައި ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. 71 ވަނަ މިނިޓްގައި ދެވަނަ ގޯލް ޖެހުމަށް އަލްފޮންސޯ ޑޭވިސް އަށް ފުރުޞަތު ތަނަވަސްކޮށްދިން ކޭން ވަނީ އެއްސިޒަނުގައި ލީގުގައިއެންމެ ގިނަ ގޯލްޖެހި އިނގިރޭސި ކުޅުންތެރިޔާގެ ގޮތުގައި ތާރީޚްގެ ތެރެއަށް ވަދެފައެވެ. މެޗުގައި އިތުރު ގޯލެއް ކާމިޔާބު ކުރާނެ ރަނގަޅު ފުރުޞަތެއްވެސް ކޭން އަށް ލިބުނެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ ހުރަސް ދަނޑީގައެވެ.

Advertisement
Advertisement

ކުއާޓަރ ފައިނަލްގައި ބަޔާނުން ވާދަކުރާނީ ރޭ ފެޔެނޯޑް ބަލިކޮށް ކުއާޓަރ އަށް ދަތުރުކުރި އިޓަލީގެ ކްލަބް އިންޓަރ މިލާންއާއެވެ. ކުއާޓަރ ގެ ފުރަތަމަ ލެގު އޮންނާނީ އެޕްރީލް 8/7 ގައެވެ.

ސެން ސީރޯ ސްޓޭޑިއަމްގައި ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް އިންޓަރ މިލާން ފެޔެނޯޑް އާ ދެކޮޅަށް ނިކުއިން އިރުވެސް މިލާން އޮތީ ފުރަތަމަ ލެގު ކާމިޔާބުކޮށް ހާސްކަމެއް ނެތިއެވެ.

މެޗުގެ އެންމެ 8 ވަނަ މިނިޓްގައި ގޯލްގެ މަތީކަނަށް ފޮނުވާލި ބާރު ބޯޅައާއެކު އިންޓަރ އަށް ލީޑު ނަގައިދިނީ މާކަސް ތުރާމްއެވެ. ގޯލް ކާމިޔާބުކުރުމަށް އޭނާއަށް ފުރުޞަތު ތަނަވަސްކޮށްދިނީ ކާލޮސް އޮގަސްޓޯއެވެ.

ފުރަތަމަ ހާފު ނިމެންދަނިކޮށް ފެޔެނޯޑްއިން ނަތީޖާ އެއްވަރުކުރީ ހަކަން ޗަލަނޯލޫ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެކުބް މޯޑާ ކާމިޔާބުކުރުމާއެކުއެވެ.

ތުރުކީގެ ޗަލަނޯލޫ ވަނީ އޭނާގެ ސަބަބުން އިދިކޮޅު ޓީމުން ނެގި ފައިދާގެ ބަދަލު ހޯދައިދީ 51 ވަނަ މިނިޓްގައި މިލާންއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 2-1 ށް ބަދަލުކޮށްލާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow