
ލިވަޕޫލް ކަޓުވާލައި, ޕީއެސްޖީ ކުއާޓަރ ފައިނަލަށް
ޕީއެސްޖީ ކުރިހޯދީ ޕެނަލްޓީގައި 4-1 ން
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް، ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ލިވަޕޫލް މުބާރާތުން ކަޓުވާލާ ޕީއެސްޖީ ކްއާޓާ އަށް ދަތުރުކުރީ ޕެނަލްޓީގައި 4-1ން ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ހަމަވިއިރުވެސް އެގްރެގޭޓުން އެއްވެސް ޓީމަކަށް ކުރި ނުލިބޭތީ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ފުރަތަމަ ލެގުގައި ޕީއެސްޖީން ވަނީ އަމިއްލަ ދަނޑުގައި 1-0 ން ބަލިވެފައެވެ. އެހެންކަމުން ރޭގެ އެންފީލްޑްގައި ކުޅުނު މެޗުގެ 12ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކޮށްދިން ގޯލާއެކު 1-1 ގެ އެގްރެގޭޓްގައި ޕީއެސްޖީން ހިފަހައްޓާލީ ލިވަޕޫލްއަށް އެޓީމުގެ ގޯލް ފޫއަޅުވާލާނެ ކުޑަނަމަވެސް ޗާންޗެސް ނުދީއެވެ. ޕީއެސްޖީން ވަނީ މެޗުގައި ރަނގަޅު ދެތިން ފުރުޞަތެއްވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް ކީޕަރު އެލިސަން ވަނީ އެ ބޯޅަތައް ދިފާއުކޮށްފައެވެ.
ނަތީޖާ އެއްވަރުވެ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ އުއްމީދު އާކޮށްދިން ހީރޯއަކީ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާއެވެ. އޭނާ ވަނީ ޑާވިން ނުނޭޒް އަދި ކާޓިސް ޖޯންސް ޖެހި ޕެނަލްޓީ ހިފަހައްޓާފައެވެ. ލިވަޕޫލްއިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ހަމައެކަނި ކާމިޔާބުވީ މުޙައްމަދު ސަލާޙް ޖެހި ޕެނަލްޓީއެވެ.
ޕީއެސްޖީން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ޕެނަލްޓީތައް ޖެހީ ވިޓީނާ, ގޮންކާލޯ ރާމޯސް, އޮސްމާން ޑެމްބެލޭ އަދި ޑިސާޔާ ޑޯއު އެވެ.
ކުއާޓާރ ގައި ޕީއެސްޖީން ވާދަކުރާނި އެސްޓަންވިލާ ނުވަތަ ކަލްބް ބްރާގޭ އާއެވެ. ގަދަ 16ގެ ދެވަނަ ލެގުގައި އެސްޓަންވިލާ ބްރާގޭ އާ ދެކޮޅަށް ބުދަ ދުވަހު ނިކުންނައިރު ވިލާ އޮތީ 3-1 ގެ ލީޑެއްގައެވެ.
ރިއެކްޝަންސް






