
ޔަމާލް އާއި ރަފީނިއާގެ ގޯލްތަކުން ކުއާޓަރގެ ފުރަތަމަ ޖާގަ ބާސެލޯނާ ކަށަވަރުކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެގެ ގަދަ 16 ގައި ދެވަނަ ލެގު 3-1 ން (4-1 ގެ އެގްރިގޭޓް) ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ބާސެލޯނާއިން ކަށަވަރުކޮށްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ބެންފީކާ ބަލިކޮށް، ބާސެލޯނާގެ 17 އަހަރުގެ ޒުވާންކުޅުންތެރިޔާ ލަމީން ޔަމާލްގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ މެޗުގައި އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށް އިތުރު ގޯލެއް ޖެހުމުގައި އެހީތެރިވެ ދީފައެވެ. މެޗުގެ 11 ވަނަ މިނިޓްގައި ބާސެލޯނާއަށް ރަފީނިއާ ލީޑުނަގައިދިނީ ޔަމާލް ތަނަވަސްކޮށްދިން ރީތި ފުރުޞަތެއްގައެވެ.
ނަމަވެސް އޭގެ ދެ މިނިޓް ފަހުން ބެންފީކާއިން ގޯލެއް ކާމިޔާބުކޮށް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނިކޮލަސް އޮޓަމެންޑީ ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅައާއެކު ބާސެލޯނާގެ ގޯލްގެ ހިތްހަމަޖެހުން ވަގުތުކޮޅަކަށް ގެއްލިގެން ދިޔައެވެ.
ބެންފީކާގެ އުއްމީދުތައް ފުނޑުފުނޑުކޮށްލީ 27 ވަނަ މިނިޓްގައި ޔަމާލް ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއެކުއެވެ.
އަލެހަންޑްރޯ ބަލްޑޭ ތަނަވަސްކޮށްދިން ފުރުޞަތުގައި ރަފީނިއާ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންފީކާގެ ގޯލްގެ ތިރީކަނަށް ފޮނުވާލި ބޯޅައާއެކު 3-1 ށް ނަތީޖާ ވަނީ ބަދަލުކޮށްލާފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ މިސީޒަންގައި އޭނާގެ 16 ވަނަ ގޯލެވެ.
މެޗުގައި ބާސެލޯނާއަށް ލީޑު ފުޅާކުރާނެ ރަނގަޅު ފުރުޞަތެއް ފަހުންވެސް ލިބިފައިވެއެވެ. ނަމަވެސް ފްރެންކީ ޑި ޖޮންގއަށް ލިބުނު ރަނުގެ ފުރުޞަތު ވަނީ ބޭކާރުވެފައެވެ.
ހެންސީ ޕްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ނުވަތަ ފްރާންސް ލިލް އާއެވެ.
ރިއެކްޝަންސް






