ޔުއެފާ ޗެމްޕިއަންސް ލީގު: އާސެނަލް ގަދަ 16 އަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް 3-0 ން ބަލިކޮށް އާސެނަލް ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްއަށް ލީޑު ނެގައިދިނީ ގެބްރިއެލް މާޓިނެއްލީ އެވެ. މެޗުގެ 2 ވަނަ މިނިޓްގައި ގެބްރިއެލް ލީޑު ނަގައިދިނީ ކައި ހަވާޓްޒް ނަގައިދިން ހުރަހެއްގައެވެ.
ހަވާޓްޒް ވަނީ ގެބްރިއެލް ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލާ މެޗުގެ 66 ވަނަ މިނިޓްގައި އާސެނަލްއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ކޯޗު މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން އާސެނަލް ކާމިޔާބުކުރި 500 ވަނަ ގޯލެވެ.
މެޗުގައި ގޯލެއް ޖަހާނެ ރަނގަޅު ފުރުޞަތެއް ޒަގްރެބް އަށް ތަނަވަސް ނުކުރެވުނެވެ.އާސެނަލްގެ ހާފުގެ ތެރެއަށްވެސް ވަދެވިފައި ވަނީ މަދުފަހަރަކުއެވެ.
އާސެނަލްއިން އެމީހުންގެ 3 ވަނަ ގޯލް މެޗުގެ ފުރުހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ މާޓިން އެޑޮގާޑް އެވެ.
އާސެނަލްއަށް ނަތީޖާގެ ފަރަގު އިތުރަށް ބޮޑު ކުރާނެ ފުރުޞަތު ލިބުންނަމެވެސް ޑެކްލަން ރައިސް އަދި ގެބްރިއެލް ޖެހި ޝޮޓްތައްވަނީ ޒަގްރެބްގެ ކީޕަރު ހިފަހައްޓާފައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އޭސީ މިލާން އިން ޖިރޯނާގެ މައްޗަށް ކުރިހޯދީ 1-0 ންނެވެ. އަދި ސެލްޓިކް އިން ޔަންގް ބޯއީސް ބަލިކޮށްފައިވަނީ ވެސް ހަމަ އެ ނަތީޖާއިންނެވެ. ބަޔާން މިއުނިކް 3-0 ން ފެޔެނޯޑް ގެ އަތްދަށުވެފައިވާއިރު, ރިއަލް މެޑްރިޑް އާރުބީ ސަލްސްބާގްގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާ އަކުންނެވެ.
ފަހަތުން އަރާ 4-2 ން ޕީއެސްޖީ ން މެންޗެސްޓާރ ސިޓީ ބަލިކޮށްފައިވާއިރު, އިންޓަރ މިލާން ވަނީ 1-0 ން ސްޕަރޓާ ޕްރާގް އަތުން މޮޅުވެފައެވެ.
ރިއެކްޝަންސް