ޔުއެފާ ނޭޝަންސް ލީގު: ރޮނާލްޑޯގެ ގޯލާއެކު ޕޯޗްގަލް މޮޅު, ސްޕެއިން އަދި ކްރޮއޭޝިއާ ސަލާމަތްވީ ކިރިޔާ
ރޮނާލްޑޯގެ ގޯލަކާއެކު ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑްގެ މައްޗަށް ޕޯޗްގަލް ކުރި ހޯދައިފި އެވެ. ހޮނިހިރު ދުވަހު ޕޯޗްގަލް މެޗު ކާމިޔާބުކުރީ 3-1 ނެވެ.
ޕޯޗްގަލް-ޕޮލަންޑް މެޗުގެ 26 ވަނަ މިނިޓްގައި ޕޯޗްގަލްއަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާއެވެ. އެއީ ބްރޫނޯ ފެންނާޑޭސް ތަނަވަސްކޮށްދިން ރީތި ފުރުޞަތެއްގައެވެ. އޭގެ އެގާރަ މިނިޓްފަހުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއްޖަހާ ޕޯޗްގަލްއަށް ލީޑު ފުޅާކޮށްދިނެވެ. ޔޫރޯ-2024 ގެ ނާކާމިޔާބީއަށް ފަހު ޕޯޗްގަލްގެ ޤައުމީ ޓީމު ގޮވައިގެން ރޮނާލްޑޯ ނިކުމެ މި މުބާރާތުގައި ކުޅުނު ތިން މެޗުގައިވެސް އޭނާވަނީ ގޯލް ޖަހާފައެވެ. ޕޯޗްގަލްގެ ޤައުމީޓިމަށް 133 ވަނަ ގޯލް ކާމިޔާބުކޮށްދިން ރޮނާލްޑޯ ހޮނިހިރު ދުވަހުގެރޭ 63 ވަނަ މިނިޓްގައި ވަނީ ބަދަލުކޮށްފައެވެ.
ޕޮލަންޑްގެ ހަމައެކަނި ގޯލް މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕިއޯޓްރ ޒިއެލިންސްކީ އެވެ. ނަމަވެސް 88 ވަނަ މިނިޓްގައި ޕޮލަންޑް ޑިފެންޑަރު ޖޭން ބެޑްނަރެކް އަތުން ބައިކޮޅަށް ވައިން ގޯލާއެކު އަމިއްލަ ދަނޑުގައި ޕޮލަންޑް ވަނީ ބަލިވެފައެވެ. ހޮނިހިރު ދުވަހުގެ މޮޅާއެކު ޕޯޗްގަލްއިން ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.
ގްރޫފް އޭ ގައި ޑެންމާކް އަތުން ސްޕެއިންއަށް ލިބުނީ ހަނި މޮޅެކެވެ. މެޗު ސްޕެއިން ކާމިޔާބުކުރީ 0-1 ނެވެ. މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މާޓިން ޒުބިމެންޑީއެވެ. 79 ވަނަ މިނިޓްގައި ވަރަށްދުރުން ޒުބިމެންޑީ ފޮނުވާލި ބޯޅައާއެކު ލީޑުނަގާ މެޗުގައި އިތުރު ގޯލެއް ކާމިޔާބުކުރެވޭތޯ ސްޕެއިން އިން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ލަމީން ޔަމާލް އަދި އަލްވަރޯ މޮރާޓާ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަތައް ޑެންމާކުގެ ކީޕަރު ކެސްޕަރ ޝްމެއިކަލް ވަނީ ދިފާއުކޮށްފައެވެ. މިއީ މުބާރާތުގައި ޑެންމާކުފެ ފުރަތަމަ ބައްޔެވެ.
ސްކޮޓްލެންޑް ކައިރިންން ކްރޮއޭޝިއާ އަށް ސަލާމަތްވެވުނީ މެޗުގެ އިތުރު ވަގުތުގައި ސްކޮޓްލެންޑުން ޖެހި ގޯލް ވީއޭއާރުން ބަލައިނުގަތުމުންނެވެ. މެޗު ކްރޮއޭޝިޔާއިން ކާމިޔާބުކުރީ 2-1 ނެވެ. ނޭޝަންސް ލީގުގެ އެންމެފަހުގެ ރަނަރ-އަޕް, ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް ބައްދަލު ކުރި މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކުރީވެސް ސްކޮޓްލެންޑުންނެވެ. 33 ވަނަ މިނިޓްގައި ސްކޮޓްލެންޑްގެ ފުތަރަމަ ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ގްރާންޓް ހަންލޭއެވެ. ނަމަވެސް 36 ވަނަ މިނިޓްގައި އިގޯރ މްޓަނޮވިޗް އަދި 70 ވަނަ މިނިޓްގައި އަންޑްރެހް ކްރަމަރިޗް ޖެހި ދެ ގޯލާއެކު ކޮރޮއޭޝިއާ ފަހަތުން އަރާ ލީޑުނެގިއެވެ. މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ސްކޮޓްލެންޑުން ގޯލެއްޖަހާ ނަތީޖާ އެއްވަރުކުރިނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ކަނޑައަޅާފައެވެ.
ގްރޫޕް އޭގައި ހޮނިހިރު ދުވަހު ސާބިއާ ވަނީ 2-0 ން ސްވިޒަލޭންޑްގެ މައްޗަށް ކުރިހޯދާފައެވެ. މިއި މި މުބާރާތުގައި ސާބިއާގެ ފުރަތަމަ މޮޅެވެ. ގްރޫޕް ސީ ގައި ކުޅުނު މެޗުތަކަށް ބަލާއިރު ރޮމޭނިއާއިން 3-0 ން ސައިފްރަސް ބަލިކޮށްފައިވާއިރު, ކޮސޯވޯ ވަނީ 2-1 ން ލިތުއޭނިއާގެ މައްޗަށް ކުރިހޯދާފައެވެ. ބަލްގޭރިއާ-ލަގްޒަމްބޯގް އަދި ބެލާރުސް-ނޯތް އަޔަލެންޑްގެ ގެ މެޗުތައް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ވަނީ އެއްވަރުވެފައެވެ.
ރިއެކްޝަންސް