
ތިން ދުވަހުން 200 ކުޑަކުދިން ޝަހީދުކޮށް އިޒްރާއިލްގެ ފައުޖުތައް ޣައްޒާގެ އުތުރާއި ދެކުނު, އަދި މެދުތެރެއިން ޣައްޒާއަށް އަރައިގެންފި
އިޒްރާއިލްގެ އަސްކަރިއްޔާގެ އޮޕަރޭޝަންތައް އެއްގަމު މަގުން ޣައްޒާގައި ފަށާ, ދެކުނު ގެ ރަފަޙް އިންނާއި އުތުރު ބައިތް ލަހިއާ އަދި މެދުތެރޭ ސަރަޙައްދުތަކުން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިއެވެ. ފާއިތުވި ތިންދުވަހު އިޒްރާއިލްއިންދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ 200 އެއްހާ ކުޑަކުދިން މިހާތަނަށް ޝަހީދުވެފައިވާކަމަށް ޔުނިސެފުން ބުނެފައިވެއެވެ.
އިޒްރާއިލްއިން އެއްބަސްވުން އުވާލާ ހަމަލާތައް އަންގާރަ ދުވަހު ހެނދުނު ހެނދުނާ އަލުން ފަށާފައިވާއިރު މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާއިން ޝަހީދުވެފައެވެ. ޒަހަމަވެފައިވާ އެތައް ބައިވަރު މީހުންނާއެކު މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ޣައްޒާގެ ސިއްހީ އިދާރާއިން ވަނީ އަންދާޒާ ކޮށްފައެވެ.
އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކަޓްޒް ވަނީ ރަހީނުން މިނިވަން ނުކުރާނަމަ އެއްގަމުމަގުން ޣައްޒާއަށް އަރައިގަނެ ޣައްޒާ ހިފުމަށް އަމުރުކޮށްފައެވެ. ހަމަލާތައް އަލުން ފެށިފަހުން މިއަދަށް މިއީ ހަތަރުވަނަ ދުވަހެވެ. އިޒްރާއިލްއިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް ދެކުނު ޣައްޒާގެ ރައްޔިތުން ނަށް މިހާރުވެސް ދަނީ ގަދަކަމުން އެމީހުން ތިބި ތަނެއް ދޫކޮށް ދިއުމަށް އަމުރުކުރަމުންވެ. ޣައްޒާގެ ނަޞްލު މަރައިގެން ނޫނީ މަޖުބޫރުން އެބިމުން ފައިބާވަރުކޮށްގެން ވިއަސް އިޒްރާއިލްއިން މިފަހަރު އަމާޒު ހިފާފައި ހުރީ ޣައްޒާގެ ނަޞްލު އެއްކޮށް ނައްޕޮތާލުމަށެވެ.
"އިޒްރާއިލްގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ޣައްޒާގެ އިތުރު ބިންތައް ހިފާ, އާބާދީ ބޭރުކޮށް އިޒްރާއިލްގެ ސަލާމަތީ ޒޯންތައް އިތުރުކުރޭ" ކަޓްޒް އާ ހަވާލާދީ އިޒްރާއިލްގެ މީޑިއާގައި ކޯޓްކޮށްފައި ވެއެވެ. ކަޓްޒް އިތުރަށް ބުނެފައިވަނީ ހަމާސްއިން ހުރިހާ ރަހީނުން މިނިވަންކުރަން އެއްބަސްވަންދެން ޣައްޒާގައި އެއްގަމު މަގުން ހިންގަމުން ގެންދާ އޮޕަރޭޝަން ކުރިއަށް ގެންގޮސް ޣައްޒާ އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ ކަމުގައެވެ.
"ހަމާސް އިން ރަހީނުން މިނިވަންކުރަން ދެކޮޅު ހަދާނަމަ, އެމީހުންގެ ބިންތައް ދާއިމީކޮށް އަހަރެމެންގެ ބާރުގެ ދަށަށް ގެންނާނަށް" ޖެރޫސެލަމް ޕޯސްޓްގައި ކަޓްޒް އާ ހަވާލާދީ ލިޔެވައި ވެއެވެ.
ރިއެކްޝަންސް






