
ޝަމްއާންގެ ގެއިން ގިނައަދަދެއްގެ ފައިސާ ފެނުނު: ފުލުހުން
އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުން ވަކިކުރެއްވި މުޙައްމަދު ޝަމްޢާން ވަޙީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި ފުލުހުން ވިދާޅުވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ތަޙުޤީޤެއް ފަށާފައިވާކަމަށެވެ.
ތަޙުޤީޤުގައި ފާހަގަވެފައިވާ ގޮތުގައި، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީން ގެންގޮސްފައިވާކަމަށައި، އޭގެ އެއް ދުވަސް ފަހުން، 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ އިމިގްރޭޝަން މުވައްޒަފުން މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާ ހޯދައި، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝަމްޢާން ވަޙީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން 5 މީހަކު ހުއްޓުވައި ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އަދި ޝަމްޢާން ވަޙީދުގެ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އާއިގުޅިގެން 3 މީހަކު ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އެ އިދާރާއިން ކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






