
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާގެ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު އެސްޓީއޯއިން ސޮއިކޮށްފި
ރާއްޖޭގެ ބޭސް ސަޕްލައި ހަރުދަނާކޮށް، ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް މެދުނުކެނޑި އަދި އަތްފޯރާ އަގުގައި ލިބޭނެ ގޮތް ހެދުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިންޑިއާ ސަރުކާރުގެ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑާއެކު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެސްޓީއޯއިން ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ކުރެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެހި، އެތެރެކުރެވޭ ހުރިހާ ބޭހެއް ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖޭގެ ގަވާއިދުތަކާ އެއްގޮތައް ކަމަށާއި، އަދި މި ޕާޓްނަރޝިޕް ބިނާވެފައިވަނީ ކުރިން ދެ ފަރާތުގެ މެދުގައި އޮތް ކާމިޔާބު އެއްބާރުލުމުގެ މައްޗަށްކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެޗްއެލްއެލް ލައިފްކެއަރއިން އެސްޓީއޯއަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، އިތުބާރުހުރި ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވެއެވެ.
އެޗްއެލްއެލްއާއެކު މި އައު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ ގުޅިލާމެހިވެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިން އާއި ކަމަށާއި، އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަވެ، ރައްޔިތުންނަށް ބޭނުންވާ ބޭސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.
ރިއެކްޝަންސް






