
ފިޠުރު ޢީދު ދުވަހު ޣައްޒާގައި 64 މީހުން ޝަހީދުކޮށްލި, ގެއްލުނު މަދަނީ ދިފާއު ޓީމުގެ ހަށިތައް ފެނިއްޖެ!
ފިޠުރު ޢީދު ދުވަހު އެކަނިވެސް އިޒްރާއިލްއިން ޣައްޒާގެ 64 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަޞްޠީނުގެ އޮފިޝަލުން ބުނެފިއެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނެއެވެ. މީގެ ހަފުތާއެއް ކުރިން ރަފަޙްއިން ގެއްލުނު ފަލަޞްޠީނުގެ ރެޑް ކްރެސެންޓް އަދި މަދަނީ ދިފާއު ޓީމުގެ މެމްބަރުންގެ ހަށިތައްވެސް ފެނިފައިވާ ކަމަށް އޮފިޝަލުންނާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
އަލްޖްޒީރާގެ ފެކްޓް ޗެކިން އެޖެންސީ; ސަނާޑް އިން ވަނީ އިޒްރާއިލްއިން ރެޑްކްރޮސްގެ ޓީމުތައް ދަތުރުކުރި އުޅަނދުތައް ހަލާކުކޮށްލާފައިވާ ސައިޓްގެ ސެޓެލައިޓް ފޮޓޯ ތަކެއްވެސް އާންމުކޮށްފައެވެ.
ދެކުނު ރަފަޙްއިން ރެޑް ކްރެސެންޓްގެ ޓީމުން ގޮސް ހޯދި ހަށިތަކުގެ ތެރޭގައި އދ ގެ މަދަނީ ދިފާއުގެ 5 މީހުން އަދި ރެޑް ކްރެސެންޓްގެ އަށް މީހެއްގެ ހަށިގަނޑު ހިމެނެއެވެ. ހަށިތައް ފެނުމާއިއެކު އިންޓަނޭޝަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ) ން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމާއަތުން ބުނީ މިއީ "އިންތިހާއަށް ހިތާމަވެރި ހާދިސާ އެއް" ކަމަށާއި, މުޅި ދުނިޔޭގައިވެސް އެޖަމާއަތުގެ މެމްބަރުންތަކަކަށް 2017 ގެ ފަހުން ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާ ކަމުގައެވެ.
އީދު ދުވަހު ހެނދުނުން ފެށިގެން ފަލަޞްޠީނުގެ މީހުން ދިރިއުޅޭ ޓެންޓް ތަކަށާއި ގެތަކަށް އިޒްރާއިލްއިން ދެމުންދިޔަ ހަމަލާތަކުގައި ހެނދުނު އެކަނިވެސް 35 މީހަކު ޝަހީދުކޮށްލިއެވެ. އެންމެ ގިނަ ހަމަލާތައް އަމާޒުވެފައިވަނީ ރަފްޙްގެ ދެކުނުގެ ސިޓީ ތަކަށާއި ޚާން ޔޫނިސް އަށެވެ.
މާރިޗު މަހު 2 ން ފެށިގެން އިޒްރާއިލްއިން ޣައްޒާއަށް އެއްވެސް ވަރަކަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި ވުމާއެކު ޣައްޒާގެ ރައްޔިތުންނަށް ރަމަޟާން މަސް އެއްކޮށް ހޭދަކުރަންޖެހުނީ ހައިހޫނު ކަމުގައެވެ. އަދި ޣައްޒާގެ ރައްޔިތުންނާ ފިޠުރު ޢީދު ބައްދަކުކުރީވެސް އެހާލަތުގައެވެ.
"ފަލަޞްޠީނުގެ ރައްޔިތުންނަށް މީރު ކާއެއްޗަކުން ރޯދަ ވީއްލުމުގެ ހައްޤެއް ނެތް. ޢީދު ދުވަހު ކާލާނެ މީރު ކާއެއްޗެއް ކީއްކުރަން, ގިނަ މީހުންނަށް ހިކި ރޮށިކޮޅެއްވެސް ނުލިބޭ. ޣައްޒާގެ ހާލަތު ބަޔާންކޮށްދޭނީ ކިހިނެތް! އެހެން ބަޔަކަށް މިކަން އިޙްސާސެއް ނުކުރެވޭނެ" މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙްއިން އަލްޖަޒީރާގެ ފަލަޞްޠީނުގެ ރިޕޯޓަރު ހިންދް ޚައުދަރީ ބުނެފައިވެއެވެ.
ރިއެކްޝަންސް






